މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ އަށް

19 ފެބުރުއަރީ 2023 - 14:35

ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

ފެނަކައިގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ.

މާބައިދޫގައި އައިސް ޕްލާންޓު ތަރައްޤީކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި ވަނީ އައިސް ޕްލާންޓް ޤާއިމުކޮށްފަ އެވެ. އޭގެތެރޭގައި ރ. މަޑުއްވަރީ، ބ. ތުޅާދޫ، ޅ. ފެލިވަރު، ކ. ގާފަރު، ފ. ފީއަލި، ފުވައްމުލައް ސިޓީ، އަދި ސ. ހުޅުމީދޫގައި 2 އައިސްޕްލާންޓްގެ އިތުރުން ހއ.ހޯރަފުށީގައެވެ. މިއީ މުޅިންވެސް 25 ޓަނުގެ އައިސް ޕްލާންޓްތަކެވެ.