ހުޅުމާލޭގައި މިކްސްޑް ރެޒިޑެންޝަލް މަޝަރޫޢުތައް ބާރަށް ކުރިއަށް

16 ފެބުރުއަރީ 2023 - 17:44

މި ދެ އަހަރު ވެސް ގިނަ މިކްސްޑް ރެޒިޑެންޝަލް މަޝްރޫޢުތަކެއްގައި ސޮއިކޮށް މަސައްކަތްތައް ހުޅުމާލޭގައި ފަށާފައިވާ ކަމަށާއި މިކްސްޑް ރެޒިޑެންޝަލް މަޝްރޫޢުތައް ބާރަށް ކުރިއަށްދާ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި އެކި ފަންތިތަކުގެ ބޯހިޔާވަހިކަން ޤާއިމު ކުރުމަށް އެޗްޑީސީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޝްރޫޢޫތަކުގެ ތެރޭގައި މެދު އަދި މަތީ ފަންތީގެ ގެދޮރުވެރިކަމަށް ޙާއްޞަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ހުޅުމާލޭގައި ވަނީ ހިންގާފައެވެ. މިހާރު ވެސް 22 ޕްރޮޖެކްޓެއް ހުޅުމާލޭގައި ކުރިއަށް ގެންދާއިރު ޖުމްލަ 5198 ޔުނިޓް ހިމެނެއެވެ.

މިމަޝްރޫޢޫތައް ވެގެން ދާނީ މިގޮތަށް އިމާރާތް ކުރެވޭ އާއްމުނަށް އެއްމެ ކުޑަ އަގުގައި ފްލެޓްތައް ހުޅުވާލެވިގެންދާނެ ފަހަރު ކަމުގައި އެ ކޯޕަރޭޝަނުން ޤަބޫލުކުރަމެވެ. ކުޑަ އަގެއްގައި ފްލެޓްތައް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެކޯޕަރޭޝަންގެ ފަރާތުން ކޮށްފައިވެއެވެ.

މިގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތަކެއް ވަނީ ގެނެވިފައެވެ. މިގޮތުން ކޮންމެ ޕްރޮޖެކްޓަކުންވެސް %60 ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމާރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އެންގިފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތަށް މިކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުޞަތު އާއްމު ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި އެޗްޑީސީން ބުނެއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި އާރްސީސީ އާއި ހަވާލު ކުރެވިގެން ހިންގޭ މަޝްރޫޢުގެ ދަށުން ޖުމްލަ 116 ޔުނިޓް ތަރައްޤީ ކުރެވިގެން ދާނެއެވެ. މިހާރު މި މަސައްކަތުގެ 50 ޕަސަންޓް ވަނީ ނިމިފައެވެ. އަދި ސާސެ ގްލަޓްއާއި ހަވާލު ކުރެވިގެން ތަރައްޤީ ކުރާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓްގެ ދަށުން 129 ޔުނިޓުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، އެސް.ޖޭ ކޮންސްޓްރަކްޝަން އާ ހަވާލު ކުރެވުނު 105 ޔުނިޓް، ފެޑޯ އާއި ހަވާލު ކުރެވުނު 53 ޔުނިޓް އަދި ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކުރެވިގެން ތަރައްޤީ ކުރާ 162 ޔުނިޓް ހިމެނެއެވެ. މިގޮތުން ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރެވިގެންދާ މަޝްރޫޢުގެ 58 ޕަސަންޓް މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

ހުޅުމާލެ އަކީ ހުރިހާ ފަންތިތަކެއްގެ ބޯހިޔާވަހިކަން ވެސް ހިމެނޭ ގޮތަށް ތަރައްޤީ ކުރެވިގެންދާ ރަށަކަށް ހެދުމަށް އެޗް.ޑީ.ސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު އިންސައްތައެއްގެ މަސައްކަތްތައް މިހާރު ދަނީ ތާވަލާއި އެއްގޮތަށް ކުރެވެމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި ކުރިން ފަށާފައި އެކި ސަބަބުތަކާއި ހެދި ލަސްވެފައިވާ 4 މަޝްރޫޢުތަކުގެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދައި ކޮންޓްރެކަޓަރުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން އެންސިސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރެވުނު 94 ޔުނިޓުގެ މަސައްކަތް މަޑު ޖެހިފައިވަނިކޮށް، ޕްރޮޖެކްޓް އަލުން ފަށާ މިހާރު އާއްމުންނަށް ފުލެޓަށް ބަދަލުވުމަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. އަދި އެން.ޕީ.އެޗް އާ ހަވާލު ކޮށްގެން ތަރައްޤީ ކުރާ 129 ޔުނިޓްގެ މަސައްކަތުގެ ތެރެއިން ވެސް ވަނީ 98 ޕަސަންޓް ނިންމާފައެވެ.