ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު ކޮންޓްރެކްޓަރުންނާ ހަވާލުކޮއްފި

17 މާޗް 2021 - 15:38

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން، 16 އަތޮޅެއްގެ 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.

ދިވެހިރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ވަނީ 17 މާރިޗު 2021 ގައި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުޙައްމަދު އަސްލަމް، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަލްޓިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު، އަދި ޑެޕިއުޓީ ހައި ކޮމިޝަނަރ އޮފް އިންޑިއާގެ ހާޒިރުގައި ބޭއްވިފައެވެ. މި ކޮންޓްރެކްޓްގައި ސޮއި ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުންނާއި. ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް، އެސް.އެމް.ސީ އިންފްރާސްޓްރަކްޗާޒް ޕްރައިވެޓް ލިމިޓެޑް، ޓްރިވޭނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީޒް ލިމިޓެޑް އަދި ވިޝްވަރާޖް އެންވައަރޮމެންޓް ޕްރައިވެޓް ލިމިޓެޑް ގެ މެދުގައެވެ. މި މަޝްރޫއުގެ ޓެންޑަރިން މަރުހަލާ ކުރިއަށް ގޮސްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ.

ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގޭ ބޮޑު 9 އުމްރާނީ ތަރައްގީގެ މަޝްރޫއު ތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން އެންމެ ބޮޑަށް ފެތުރިފައިވާ މަޝްރޫއުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއުއަށް ހޮވާފައިވާ 34 ރަށަކީ 16 އަތޮޅަކަށް ނިސްބަތްވާ ރަށްތަކެވެ. އެގޮތުން ހއ، ހދ، ށ، ނ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، އަދި ގދ އަތޮޅުގެ ރަށްތައް ހިމެނެއެވެ.

މެދުނުކެނޑޭނޭހެން، އަދި ރައްކާތެރިކޮށް ސާފު ފެނުގެ ސަޕްލައި މަގުފަހިކޮށްދޭނެ މި މަޝްރޫއުގެ ފައިދާ ސީދާ ގޮތުން 34 ރަށެއްގެ 35،000 ރައްޔިތުންނަށް ކުރާނެކަމަށް ލަފާކުރެވެއެވެ. އަދި ފެނުގެ ނިޒާމު ގާއިމްކުރެވުމުން، މި ރަށްތަކުގެ ފެނުގެ ނިޒާމު މެދުވެރިކޮށް ވަށައިގެންވާ ރަށްތަކާއި އަތޮޅުތަކަށް ހޫނު މޫސުމުގައި ފެނަށްޖެހޭ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެހެންކަމުން މި މަޝްރޫއުގެ ފައިދާ ނުސީދާކޮށް ގިނަ އަދަދެއްގެ ބަޔަކަށް ކުރާނެއެވެ. މި މަޝްރޫއުއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވެފައިވާ ވައުދާއި ގުޅިފައިވާ މަޝްރޫއުއެކެވެ. އަދި 16 އަތޮޅެއްގެ މައްޗަށް ބެހިފައިވާ މި މަޝްރޫއުގެ ސަބަބުން ދިވެހި ސަރުކާރުން ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެއެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ ބޮޑު 9 މަޝްރޫއުގެ ތެރެއިން ކޮންޓްރެކްޓް ހަވާލުކުރެވޭ ދެވަނަ މަޝްރޫއުއެވެ. އެގޮތުން އެންމެ ފުރަތަމަ ކޮންޓްރެކްޓް ހަވާލުކުރެވިފައިވަނީ އައްޑޫގެ މަގުތައް ތަރައްގީކޮށް ޑްރެއިންޖެ ސިސްޓަމްތައް ގާއިމްކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުގެއެވެ. މި ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވަނީ ފެބްރުއަރީ 21، 2021 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.އަދި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި – ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) އަދި ހަނިމާދޫ ބައިނަލްއަގްވާމީ އެއާޕޯޓް ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު ފަދަ – އިތުރު އެލް.އޯ.ސީ މަޝްރޫއުތަކުގެ ކޮންޓްރެކްޓްތައް ހަވާލުކުރެވޭނެ ކަމަށް ބެލެވެއެވެ.