ކެންސަރު ބަލި މަދުކުރުމަށް އެކުލަވާލި ގައުމީ ޕްލޭން އިފްތިތާހުކޮށްފި

16 ފެބުރުއަރީ 2023 - 17:23

ރާއްޖޭގައި ކެންސަރު ބަލި މަދުކުރުމަށާއި، އެ ބައްޔާމެދު މީހުން ހޭލުންތެރިކުރުމަށް ހެލްތު މިނިސްޓްރީއާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ތައްޔާރުކުރި ގައުމީ ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ.

މި ޕްލޭން އިފްތިތާހުކުރީ ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑރ. ނާޒްނީން އަންވަރެވެ.

މިއީ 2026ވަނަ އަހަރުގެ ނިޔަލަށް ތަންފީޒުކުރާނެ ކަންތައްތަކެއް ހިމެނޭ ޕްލޭނެކެވެ. މި ޕްލޭންގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ކެންސަރުން ރައްކާތެރިވުމަށް ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކުރުވުމާއި، އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުމާއި، މާލީ ބުރައެއް އުފުލަން ނުޖެހި ކެންސަރަށް ފަރުވާ ދިނުން ހިމެނެއެވެ.

މީގެ އިތުރުން އެ ބަލި ތަހައްމަލުކުރާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކެންސަރުގެ ގައުމީ ރަޖިސްޓްރީއެއް ގާއިމްކޮށް ރާއްޖޭގައި މި ބައްޔާ ގުޅޭ ދިރާސާތައްކުރުން ހިމެނެއެވެ. މި މަގްސަދުތަކަށް މަސައްކަތްކުރުމުން ގައިން ގަޔަށް ނާރާ ބަލިތައް މިހާރު ހުރި މިންވަރުން، 2030ވަނަ އަހަރުގެ ނިޔަލަށް %25 އަށް ދައްވާނެކަމަށް ހެލްތު މިނިސްޓްރީން ލަފާކުރެއެވެ.

މި ޕްލޭން އެކުލަވައިލުމުގައި ޑަބްލިއުއެޗްއޯގެ ފަންނީ ލަފައާއި އެހީތެރިކަމާއި، ރާއްޖޭގައި ތިބި މި ކަމާ ގުޅުންހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާވަނީ ހޯދައިފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވަނީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަނީ ދިވެހީންގެ ދިރިއުޅުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުންކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހީ އާދަތައް ގެންގުޅުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ކެންސަރު ބަލީގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާގެ މަސައްކަތް، ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއި ލަފާގެ މަތިން ކުރިއަށް ގެންދަން މަޝްވަރާތައް ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.