ވިލިމާލޭގައި އާރް.ޓީ.އެލް ބަހުގެ ހިދުމަތް ދޭން ފަށަނީ

18 ޖެނުއަރީ 2023 - 12:02

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ބަހުގެ ޚިދުމަތް ވިލިމާލެގައި ދިނުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، އާރުޓީއެލް ބަހުގެ ޚިދުމަތް މާލެ ސިޓީއަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ އަދި ހުޅުމާލެއާއި އެއްފަސްގަނޑަކުން މިވަގުތު ގުޅިފައި ނެތް ނަމަވެސް ވިލިމާލެއަށް އެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ވިލިމާލޭގައި އެކުންފުނިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެށްޓާއި ރައްޓެހި ހަ އިލެކްޓްރޯނިކް ބަސް ކަމަށް އެކުންފުނިން ބުނެއެވެ.

މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހުންނާނެއެވެ. އަދި 4 މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގައާއެކު އެއްފަހަރާ ޖުމްލަ 15 މީހުންނަށް މި އީވީ ބަސްތަކުގައި ދަތުރުކުރެވޭނެއެވެ.

އެމްޓީސީސީން ދަނީ، ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރިތައް ވަމުންނެވެ. އެކުންފުނިން ބުނީ، މިމަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި މި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި އާރުޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތާ ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.