ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމައިފި
15 ޖެނުއަރީ 2023 - 12:48
ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމައިފިއެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ. އެ މަޝްރޫއަށް 22.1 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.
އާބާދީގައި 1،200 މީހުން ހިމެނޭ ދަރަވަންދޫ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލު ކުރަމުން އައިސްފައިވާ ރަށެކެވެ. ރަށް ގިރުމުގެ ސަބަބުން ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބޮޑޫ ބައެއް ގިރައިގެން ގޮސް ގޮނޑުދޮށުގައި އޮތް ރީތި ވެލިގަނޑު ވެސް ވަނީ ގިރައި ހުސްވެފައެވެ.
އަދި ރަށް ގިރުމުގެ ނޭދެވޭ އަސަރުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ރުއްގަހެއް ވެއްޓި ނެތިގެންދެއެވެ.
ދަރަވަންދޫ ރައްޔިތުން އާމްދަނީ ހޯދަނީ ގެސްޓް ހައުސް ވިޔަފާރި ނުވަތަ ކައިރި ރިސޯޓުތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. ރަށުގެ ރައްޔިތުން ދިރިއުޅުމަށް ފަތުރުވެރިކަމަށް ބަރޯސާވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަ ކަން ދޭހަކޮށްދޭ އެންމެ ބޮޑު ހެއްކަކީ ރަށުގައި މިހާރު ވެސް 14 ގެސްޓްހައުސް ހުރުމެވެ.
އެގޮތުން ރަށް ގިރުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭތީ، މިކަންވަނީ ފަތުރުވެރިކަމަށްވެސް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިއަދު ނިމުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަބުން ދަރަވަންދޫ ގޮނޑުދޮށް ފަރާތުން ގިރަމުން އައި ސަރަހައްދު ވަނީ ހިމާޔަތް ކުރެވިފައެވެ.
މިއީ ހަމަ ގައިމު ވެސް ދަރަވަންދޫގެ ރައްޔިތުން ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާޏެ މުހިއްމު މަޝްރޫއެއްގެ ގޮތުގައި އެމްޓީސީސީން ފާހަގަ ކުރެއެވެ.
މި މަޝްރޫއުގެ ދަށުން 470 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.