ކައްދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރަނީ

11 ޖެނުއަރީ 2023 - 13:05

ލ. ކައްދޫ އެއަރޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އެމަނިކުފާނު މިފަދައިން ނިންމަވާފައިވަނީ އަންގާރަ ދުވަހު ނެރުއްވި ގަރާރެއްގެ ދަށުންނެވެ. އެގޮތުން ކައްދޫ އެއަރޕޯޓްގެ މަޝްރޫއަށް ޚަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ފަސް މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާކަމަށް ގަރާރުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މަދަނީ އެއަރޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އައި ކައްދޫ އެއަރޕޯޓް މިލިޓަރީ އެއަރޕޯޓަކަށް ބަދަލުކޮށް "އިސްކަންދަރު ވައިގެ ބަދަރު" ގެ ނަމުގައި އަލުން ހުޅުވީ މޭ 2016ގަ އެވެ. ކައްދޫ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވައުދުފުޅެކެވެ،

ކްރޮސް ސަބްސިޑީ އުޞޫލުން ކައްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލައިފިއެވެ. ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ދަޢުލަތުގެ އާންމު މަންފާއަކަށްޓަކައި ޙާޞިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ގިރާވަރުފަޅު ހިއްކައިގެން ރެޒިޑެންޝަލް ސިޓީއެއް ތަރައްޤީ ކުރުމަށާއި ރާއްޖޭގެ 6 ސަރަހައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމަށް ވެސް ވަނީ ރައީސްގެ ގަރާރަކުން ކަނޑައަޅުއްވާފަ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ތަރައްޤީކުރާ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ތެރޭގައި ހދ. މަކުނުދޫ އެއަރޕޯޓާއި ށ. ބިލެތްފަހި އެއަރޕޯޓާއި ރ. އަތޮޅުގެ ދެކުނު ބިތުގައި ސަރުކާރުން ކަނޑައަޅާ ތަނެއްގައި ހަދާ އެއަރޕޯޓާއި ބ. ތުޅާދޫ އެއަރޕޯޓާއި ފ. މަގޫދޫ އެއަރޕޯޓާއި ތ. ވިލުފުށި އެއަރޕޯޓް ހިމެނެއެވެ.

ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއު ކުރިއަށް ގެންދިއުމަން ނިންމާ، މިމަޝްރޫއަށް ފައިނޭންސް ކުރާ ބަޔަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭނެއެވެ.