ސަރުކާރުން އެސްއެމްއީ ތަކަށް އެހީވުމަށް އުފައްދާފައިވާ އެސްޑީއެފްސީއިން މިހާތަނަށް 1.49 ބިލިއަން ރުފިޔާގެ ލޯނު

4 ޖެނުއަރީ 2023 - 17:20

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 1.49 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

އެސްޑީއެފްސީއަކީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ފަސޭހަކަމާއެކު ފައިނޭންސް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.

އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިހާތަނަށް 1،230 ފަރާތަކަށް، 1.49 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އަދި މީގެ ތެރެއިން 324.8 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ އަންހެނުންގެ ބައިވެރިވުން އޮތް 301 ވިޔަފާރިއަކަށް ކަމަށް ތަފާސް ހިސާބުތަކުގައިވެ އެވެ.