ބޯޓިންގ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް އެޗްޑީސީއާއި އެމްއައިޓީޑީސީ ގުޅިގެން 10 ދިވެހިންނަށް

20 ޑިސެމްބަރ 2022 - 3:34

ގަލްފުގެ ޤައުމެއްގައި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތާއެކު، ބޯޓިން ދާއިރާއިން ތަމްރީންވުމުގެ ފުރުޞަތު ދިވެހި 10 ޒުވާނުންނަށް ދީފިއެވެ.

މި ފުރުޞަތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި، މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްއައިޓީޑީސީ އަދި ބޭރުގެ އިންސްޓިޓިއުޓަކާއި ގުޅިގެން ފަހިކޮށްދީފައިވާ ފުރުޞަތެކެވެ.
އެޗްޑީސީ އިން ބުނާ ގޮތުގައި މިފަދަ ޕްރޮގްރާމެއްގެ މަގުސަދަކީ ހަރުދަނާ އަދި ހުނަރުވެރި ޒުވާނުން މުޖުތަމައުގައި ބިނާކުރުމެވެ. އަދި މި ޕްރޮގޮރާމް ފުރިހަމަކުރުމުން ދުނިޔޭގެ ކޮންމެތާކުވެސް މޮޓޯބޯޓު އޮޕަރޭޓް ކުރެވޭ ރޯޔަލް ޔޮޓިން އެސޯސިއޭޝަންގެ ލައިސަންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރާގެ ތެރެއިން ގުރޭޑް 10 ނިންމާފައިވާ އަދި ފަރިތަކަމާއިއެކު އިނގިރޭސިން ވާހަކަ ދައްކަން އެނގޭ ޒުވާނުންނަށެެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ވޯޓަރސްޕޯޓްސްއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދީފައި ވެއެވެ.

އެޗްޑީސީން މައުލޫމާތުދޭގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ދެ ދުވަހުގެ ތިއެރެޓިކަލް ޓްރެއިނިންގ އެއް ދީފައި ވެއެވެ. އަދި ރާއްޖެއިން ބޭރުގައި 10 ހަފްތާގެ ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިޔަށް ގެންދާނެއެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ގަލްފް ގައުމެއްގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީ އިން ބުނާ ގޮތުގައި މިއީ ރާއްޖޭގެ މާހައުލާއި ގުޅޭ އަދި އެޗްޑީސީގެ ކުރިއަށް ރޭވިފައި ހުރި ބޮޑެތި މަޝްރޫއުތަކުން އުފެދޭނެ ވަޒީފާތަކަށް ހުނަރުވެރިން ތަމްރީނު ކުރުމަށް ކުރެވިގެންދާ މަސައްކަތެއް ކަަމަށެވެ.