ސިނާއީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް: ތިލަފުށި މާސްޓަރޕްލޭން

18 ޑިސެމްބަރ 2022 - 3:39

ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި މި މައްސަލަތަކަށް ބިނާކޮށް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭން ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލޯންޗުކޮށްފިއެވެ. މޯލްޑިވްސް ލިވިންގ އެކްސްޕޯ 2022 ގައި މިފަހަރު އެޗްޑީސީގެ ފަރާތުން ތިލަފުށީގެ މާސްޓަރޕްލޭން އާންމުންނަށް ދައްކާލިއެވެ.

ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް މިހާރު މި ވަނީ ކުރިމަތިވެފައެވެ. މިގޮތުން މިފަދަ މަސައްކަތްތަކަށާއި ވިޔަފާރިތަށް ހިނގުމުގަށް ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއަރހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓް ހާދިސާތައް ވެސް ވަނީ މިހާރު އާއްމުވެފައެވެ. އެހެންކަމުން، މިފަދަ ކަންކަން ތަކުރާރުނުކޮށް މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި މިހާރު މިކަމަށް ޙާއްސަ ކުރެވިފައިވާ ތިލަފުށީގައި ވެސް ގިނަ މައްސަލަތަކެއް ހުރުމާއި، ޒަމާނީ ވަސީލަތްތަކާއި އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްޤީ ކުރުން މިވަނީ ނުހަނު މުހިއްމު ކަމަކަށްވެފައެވެ.

އެގޮތުން ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކާ ތަރައްޤީކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އާއި އެއް ފެންވަރަކަށެވެ. މިތަނުގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓަރފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިންގެންދާނެއެވެ. އަދި މީގެއިތުރުން، މިކަމަށް ހާއްސަކޮށް ބިން ހިއްކޭ އިރު ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްޤީ ކުރެވިގެންދާނެ ކަމުގައި އެޗްޑީސީ އިން ހާމަކުރިއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެއްމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެކެވެ.