މިއަހަރު އެކަނިވެސް 30 ކަނދުފަތި, އެންމެ ގިނަ ކަނދުފަތި އެޅީ މިއަހަރު: ފިޝަރީޒް މިނިސްޓަރ

14 ޑިސެމްބަރ 2022 - 3:07

މިހާތަނަށް އެންމެ ގިނަ ކަނދުފަތި އަޅާފައިވަނީ މިއަހަރުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރު އެކަނިވެސް 30 ކަނދުފަތި އަޅާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރުމަށް މަސައްކަތްކުރި ހުރިހާ ކަނދުފައްޗެއް އަޅާނިމިފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މަހަށް ހަމައަގު ހޯދުމަށް ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކޮށް އެކި އުފެއްދުންތައް އުފެއްދުމާއި ދިމާއަށް ދިޔުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ސަރުކާރުން މިދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ބޭރަށް އެކްސްޕޯޓުކުރުމަށް ދައްކަންޖެހޭ ޑިއުޓީ ކުޑަކުރުމަށް ކުރަމުންދާ މަސައްކަތް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އިންޑިއާ ކަނޑުގައި މަސްބޭނުމުގައި ގިނަ ޤައުމުތަކަކުން ބަރޯސާވުމާއެކު މަހުގެ ސަޕްލައި އިތުރުވެ މަހުގެ ޑިމާންޑު ދަށްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައިވަނީ މަސްވެރިންނަށް ބޭނުންވާ އެކި މަޢުލޫމާތު ހިމެނޭ ޚާއްސަ އެޕްލިކޭޝަން "ހޯސާ" އިފްތިތާޙްކޮށްފައެވެ.