އެޗްޑީސީގެ ސްމާޓް ސިޓީ ޕްރޮޖެކްޓަށް ވާވޭ ލަންކާގެ ފަންނީ އެހީ
13 ޑިސެމްބަރ 2022 - 3:20
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް(އެޗްޑީސީ)ގެ "ސްމާޓް ސިޓީ ޕްރޮޖެކްޓް" އަށް ފަންނީ އެހީތެރިކަން ދިނުމަށް ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވެެއްޖެއެވެ.
މިރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ވާވޭ ލަންކާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޓާއޯ ގުއާންޖޭއޯއެވެ.
މި އެއްބަސްވުމުގެ ސަބަބުން އެޗް.ޑީ.ސީގެ ސްމާޓް ސިޓީ އިނީޝިއޭޓިވްއަށް ތަފާތު ފައިދާތަކެއް ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.
ވާވޭއަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރ އާއި ސްމާޓް ޑިވައިސްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ އެއް ކުންފުންޏެވެ.