މަސް ކިރާވަރު އިތުރު ކުރުމަށް މިފްކޯއިން އިތުރު 3 ބޯޓު ގަނެފި

6 ޑިސެމްބަރ 2022 - 17:34

މަސްވެރިންގެ އަތުން މަސް ގަންނަވަރު އިތުރު ކުރުމަށް މިފްކޯއިން އިތުރު ތިން ބޯޓު ގަނެފި އެވެ.

މިފްކޯއިން ބުނީ މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ތިން ބޯޓެއް ގަނެފައިވާ ކަމަށާއި މިހާރު ތިން ބޯޓު ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ބޯޓުތައް ރާއްޖެއަށް ގެނެވޭނެ ދުވަހަކާއި ބޯޓުތަކާއި ގުޅޭ އިތުރު ތަފްސީލް ފަހުން އާއްމުކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މިފްކޯގެ ފްލީޓުގައި މިހާރު ވެސް ދެ ބޯޓު އޮވެ އެވެ. އެއީ ޖަޒީރާ 102 އާއި މަހާ ކަލަމިންޖާ އެވެ. ޖަޒީރާ 102 އަކީ 100 ޓަނުގެ މަސް ރައްކާކުރުމުގެ ގާބިލްކަން ހުރި ބޯޓެކެވެ. އަދި މަހާ ކަލަމިންޖާއަކީ 90 ޓަނާއި ހަމައަށް މަސް ގަތުމުގެ ގާބިލްކަން ހުރި ބޯޓެކެވެ.

މީގެ އިތުރުން މަސް ކިރުވުމުގައި މަސްވެރިނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދާދިނުމަށް ސަރުކާރުން ވަނީ މިފްކޯގެ މަސްގަންނަ ސެންޓަރުތައް އަޕްގްރޭޑުކުރުމަށް ވެސް ބޮޑެތި މަޝްރޫއުތަކެއް ފަށައިފަ އެވެ.