ސަބްމެރިން ކޭބަލް ސިސްޓަމްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމުކުރަނީ

5 ޑިސެމްބަރ 2022 - 17:28

ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ގާއިމް ކުރުމަށް ބޭނުންވާ ބިން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް)އަށް ދީފިއެވެ.

މި ސްޓޭޝަން އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. އެގޮތުން މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފެވެ. އަދި އޯސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝިހާބެވެ.

މި ސަރުކާރުން އެޅުމަށް ނިންމާފައިވާ ސަބްމެރިން ކޭބަލްގެ މަޝްރޫއަކީ ރާއްޖޭގެ ޑިޖިޓަލް ބެކްބޯން ވަރުގަދަ ކުރުމަށްޓަކައި، ހަލުވި ދުވެއްޔެއްގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ރާއްޖެއަށް ގެނައުމަށް ބާރުއަޅާ މަޝްރޫއެކެވެ.

މި ސަބްމެރިން ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެ އާއި އިންޑިޔާގެ މުންބާއީއާއި މި ސަހަރައްދުގެ އެހެން ގައުމުތަކާ ގުޅާލެވޭނެއެވެ.