އަމީނީ މަގުހެދުމުގެ ސެގްމެންޓް 02 ގެ މަސައްކަތް ރޯޑު ޑިވަލަޕްމަންޓް ކޯޕަރޭޝަނުން ފަށައިފި

5 ޑިސެމްބަރ 2022 - 13:41

އަމީނީ މަގުހެދުމުގެ މަޝްރޫޢުގެ ސެގްމެންޓް 02 ގެ މަސައްކަތް ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަނުން އަލުން ފަށައިފިއެވެ.

އެއީ ދަރުބާރުގޭ ކުރިމަތިން ފެށިގެން ކުޑަކުދިންގެ ބަގީޗާގެ ކުރިމައްޗަށް އޮންނަ ބައެވެ. މިއީ އަމީނީމަގުގެ އިރުމަތިން އިރުދޭމާ ހިނގުމާއި، ގުޅޭ ހިސާބުން ފެށިގެން، އަމީނީމަގު ކަލާފާނު ހިނގުމާއި ގުޅޭ ސަރަހައްދެވެ.

ރޯޑް ކޯޕަރޭޝަނުން ވަނީ އެބައިގެ މަގުތަކުގައި މިހާރު އަޅާފައިވާ ގައުތައް ނެގުމުގެ މަސައްކަތް ފަށާފައެވެ. ދެވަނަ ސެގްމެންޓްގެ މަސައްކަތް މިއަދު ފެށި އިރު ފުރަތަމަ ސެގްމެންޓް، ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭނާ ހިނގުމާއި ހަމައަށް އޮންނަ ސަރަހައްދުގެ މަގު ލެވެލްކޮށް ދުވާރުހަދައި ވަނީ ނިންމާފައެވެ. އެބައިގައި ދެން އޮތީ ތާރުއެޅުމުގެ މަސައްކަތެވެ.

ޒަމާނީ ފެންވަރަށް ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީން ތާވަލު ކުރިގޮތަށް ކުރިޔަށް ގޮސްފައި ނުވަނީ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ލިބުން ދަތިވެގެން ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

84 މިލިޔަންރުފިޔާއަށް މި މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފައި ވަނީ، މިއަހަރުގެ ޖުލައި މަހުގައެވެ. މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައި ވަނީ، ހަތްމަސްދުވަހުގެ މުހުލަތެވެ.