ހުޅުމާލޭގައި ޕްރައިމަރީން މަތީ ޘާނަވީއަށް ކިޔަވައިދޭ ސްކޫލެއް އަޅައި ހިންގުމަށް ވިލާއަށް

28 ނޮވެމްބަރ 2022 - 16:58

ހުޅުމާލެ ފޭސް 1ގައި އިތުރު ސުކޫލެއް އެޅުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ސްކޫލު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން ޙަވާލުކޮށްފައިވަނީ ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޑެޓާއެވެ.

މިކަމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. އަދި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ އަޙްމަދު އަންވަރެވެ.

އެޗްޑީސީން ވިދާޅުވީ، ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސުކޫލުގައި 6 ފުލޯ ހުންނާނެ ކަމަށެވެ. ޖުމްލަ 761 ދަރިވަރުންގެ ޖާގައިގައި ހުންނަ މި ސުކޫލުގައި 20 ކްލާސްރޫމް ހުންނައިރު މި ސުކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1-12 ގެ ދަރިވަރުންނަށް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސުކޫލު ހުންނާނީ ހުޅުމާލެ ފޭސް 1 ގައެވެ.

މި ސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހައިން ކިޔަވައިދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި ސްކޫލުގެ އެންމެ ޚާއްސަ އެއްކަމެއްގެ ގޮތުގައި ރޮބޮޓިކް ލެބެއްވެސް މި ސުކޫލުގައި ޤާއިމްކުރެވިފައި ހުންނާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.