ބ. އަތޮޅު ސިއްޙީ ނިޒާމްއަށް ކުރިއެރުން: ހޮސްޕިޓަލުގައި ޑައިލިސިސްގެ ޙިދުމަތް ދޭން ފަށައިފި

24 ނޮވެމްބަރ 2022 - 18:03

ބ. އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ޑައިލިސިސް ޔުނިޓުން ޙިދުމަތް ދޭން ފަށައިފިއެވެ. ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޙިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ އިމާރާތެއް އެޅީ މިއަހަރުއެވެ.

ޑައިލިސިސްގެ ޙިދުމަތަކީ ކިޑްނީގެ ޚާއްސަ ބައްޔަކަށް ދެވޭ ފަރުވާއެކެވެ.  މަދުވެގެން ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު މިފަރުވާދޭން ޖެހެއެވެ.

ބ .އަތޮޅުގައި މި ޚިދުމަތް ބޭނުންވާ 15 ވުރެ ގިނަ ބަލިމީހުން އެބަތިއްބެވެ. އެމީހުން މީގެކުރިން މި ޙިދުމަތް ހޯދަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މާލެ އިންނެވެ. އެހެންކަމުން ބ. އަތޮޅު ހޮސްޕިޓަލުގައި ޑައެލިސިސްގެ ޙިދުމަތް ފެށުން ވެގެންދާނީ ބ. އަތޮޅުގައި މި ޚިދުމަތް ހޯދަމުން އަންނަ ބަލިމީހުން މިކަމަށް މިހާރު ކުރާހޭދަ ކުޑަވެގެންދާނެކަމަކަށެވެ. 

ބ. އަތޮޅު ހޮސްޕިޓަލްގައި ޑައެލިސިސްގެ ޙިދުމަތް ފަށާފައިވަނީ މިކަމަށް ތަމްރީން ފުރިހަމަކޮށްފައި ތިބީ 2 ނަރުހުނާއިއެކުގައެވެ. މި ހިދުމަތައް އިތުރު ނަރުހުން އަންނަ އަހަރު ތަމްރީން ކުރެވިގެން ދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމް އަތޮޅުތެރެއަށް ފުޅާކޮށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ.