މިނިސްޓަރ ފައްޔާޒްގެ އިސްނެންގެވުމުގެ މަތިން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަ ޕްރައިވެޓް ބީޗްއެއް ކަނޑައަޅަނީ

23 ނޮވެމްބަރ 2022 - 16:46

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް އެޗްޑީސީން ނިންމައިފިއެވެ.

މިގޮތުން، ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗް ފަތުރުވެރިންނަށް ހާއްސަ ކޮށްގެން ތަރައްގީ ކުރުމަށްވަނީ ނިންމާފައެވެ.

އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިއީ މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓް އަލްފާޟިލް ފައްޔާޒް އިސްމާއިލްގެ އެދިލެއްވުމުގެ މަތިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރިއެރުވުމަށް އެކުންފުނިން ނިންމި ނިންމުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެއްކަމުން، މި ފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މުހިންމުކަމަކަށް ވުމުން، މިފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކޭކަމަށްވެސް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.

އެޗްޑީސީން ވިދާޅުވެފައި ވާގޮތުގައި، ސަރުކާރުންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިމަސައްކަތުގައި އެ ކުންފީނގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައި ވެއެވެ.