އާރްޓީއެލް ފެރީގެ ދަތުރުތައް ޅ. އަތޮޅަށް، ފުރަތަމަ ހަފްތާ ހިލޭ

22 ނޮވެމްބަރ 2022 - 16:52

ޅ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ޚިދުމަތުގެ އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފަށައިފިއެވެ.

ޚިދުމަތް ދެމުން އަންނަ ކުންފުނި އެމްޓީސީސީން ބުނީ، ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 2 ގައި ހިމެނޭ ޅ.އަތޮޅުގައި މިޚިދުމަތް ދޭން ފަށާފައިވަނީ އިއްޔެ ކަމަށެވެ.

އަދި އަހުލުވެރިކުރުވުމުގެ މި ދަތުރުތައް އިއްޔެއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށާއި، މިދަތުރުތަކަށް އެއްްވެސް އަގެއް ނުނަގާނެ ކަަމަށްވެސް އެކުންފުނިން ބުނެއެވެ.

ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާ ކުރުމެވެ. މި މުއްދަތުގައި ދަތުރު ކުރުމަށް ޖާގަ ހޯދުމަށް ގުޅަންޖެހޭނީ، އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

އެމްޓީސީސީން ބުނީ، ޅ. އަތޮޅުގައި އަގުނަގައިގެން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށާއި، މިމަހުގެ 24 އިން ފެށިގެން ކަސްޓަމަރުން ޓިކެޓް ބަލައިގަތުމަށް ބޭނުންކުރާނީ އެމްޓީސީސީން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕުން ކަމަށެވެ.

އަދި ރަސްމީކޮށް އަގުނަގައިގެން ޚިދުމަތް ދޭން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، (ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ) އެންސްޕާގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ޒޯން 2 ގެ ޅ.އަތޮޅުގެ އާރް.ޓީ.އެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރް.ޓީ.އެލްގެ 2 ސްޕީޑް ފެރީ މެދުވެރިކޮށް 3 ރޫޓަކުން ލިބިގެންދާނެއެވެ.

އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން މިހާތަނަށް ވަނީ، ޒޯން 1 ގައި ހިމެނޭ ހއ.އާއި ހދގެ އިތުރުން ށ.އަތޮޅުގައި ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ.