ޅ.ފެލިވަރުގެ ބިން ހިއްކުމާއި، ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަނީ

14 މާޗް 2021 - 6:28

ޅ.ފެލިވަރުގެ ބިން ހިއްކުމާއި, ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ 113.39 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ބޭނުމަކީ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖް ގެ ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމެވެ.

މި މަޝްރޫޢުގެ ދަށުން 6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު,، 229،663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ.

އޭގެ އިތުރުން 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވާއިރު، 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. އަދި ހަމައެއާއެކު 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާއިރު، އެ ކުންފުނިން ވަނީ ޅ.ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް ވެސް މޮބިލައިޒްކޮށްފައެވެ.