އެޗްޑީސީގެ ސްމާޓްކޮމްއިން ސްކޫލު ދަރިވަރުންނަށް ސްމާޓް ސިޓީ ސްޓަޑީ ޓުއާއެއް

18 އޮކްޓޯބަރ 2022 - 13:28

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ސާނަވީ މަރުހަލާގެ ކޮމްޕިއުޓަރު ސައިންސް މާއްދާ ކިޔަވާ ސްކޫލް ދަރިވަރުންނަށް ސްޓަޑީ ޓުއާއެއް ބާއްވައިފިއެވެ.

އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި ސްޓަޑީ ޓުއާއަކީ ރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހުޅުމާލެ ހެދުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށިތާ އެއް އަހަރު ފާހަގަ ކުރުމުގެ މުނާސަބަތުގައި ހުޅުމާލޭގެ ކޮމިއުނިޓީތަކަށް އަމާޒުކޮށްގެން ބާއްވާ ތަފާތު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވާދޭ ހަތަރު ސްކޫލު ކަމަށްވާ ރެހެންދި ސްކޫލު، ހުރަވީ ސްކޫލު، ޣާޒީ ސްކޫލު އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން ޖުމުލަ 20 ދަރިވަރަކު ބައިވެރިވިއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި، ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕްރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމާއި ކޮމްޕިއުޓަރު ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެގޮތުން މި ޓުއާގައި ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ބައިވެރިވި ދަރިވަރުންނަށް ޕްރެޒެންޓޭޝަނެއް ދިނުމާއި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލުމާއި، އެޗްޑީސީގެ ޓެލެކޮމް ޓަވަރުތައް ވަނީ ދައްކާލައިފައެވެ.

އޭގެ އިތުރުން، ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ މައުލޫމާތު ދިނުމާއި އެ ވިއުގައިގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް ދައްކާލުމާއި އަދި ގޭގެއަށް ނުވަތަ ފްލެޓުތަކަށް ފައިބަ ޓު ދަ ހޯމް، ނުވަތަ އެފްޓީޓީއެޗް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯއެންޓީ ގުޅާނެ ގޮތްފަދަ އަމަލީ ކަންކަންވެސް ދަރިވަރުންނަށް ވަނީ ދައްކައިލައިފައެވެ.

އެޗްޑީސީން ކުރިއަށް ގެންދާ ސްމާޓް ސިޓީގެ މަސައްކަތް ތަކަކީ ކޮމިއުނިޓިއާ ވަރަށް ބޮޑަށް ގުޅިގެން ކުރެވޭ ކަންކަން ކަމަށާއި ތައުލީމީ ދާއިރާއަކީ ވެސް ޒަމާނީ ސްމާޓް ސިޓީއެއްގެ މުހިއްމު ރޯލެއް އަދާކުރާނެ ދާއިރާއަކަށް ވާތީ މިފަދަ ހަރަކާތްތަކަކީ މުސްތަގުބަލުގައި ސްމާޓް ސިޓީއަކަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް މުހިއްމު ކަމެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.