ރާއްޖޭގެ ފުރަތަމަ “އޯޕެން ޕްރިޒަން” ނޭކުރެންދޫގައި އަޅަން ބަޔަކާ ހަވާލުކޮށްފި

9 އޮކްޓޯބަރ 2022 - 11:35

ހދ. ނޭކުރެންދޫގައި އިންޑަސްޓްރިއަލް ޖަލެއް (އޯޕަން ޕްރިޒަން) އެޅުމުގެ މަސައްކަތް ފަށަން ޔުނިކް ޗޮއިސް ޕްރައިވެޓް ލިިމިޓެޑާއެކު ހޯމް މިިނިސްޓްރީން ސޮއިކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފިޔަވަހި ހިންގުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަހުމާން ސަލާހް ރަޝީދެވެ. ޔުނިކް ޗޮއިސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީއެވެ.

ނޭކުރެންދޫ ޖަލު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ކުށްކުރުން ގިނަވެފައިވާ އިރު، ކުށްވެރިން އަނބުރާ މުޖުތަމައަށް ގެނައުމަށް އޮތް އެންމެ މޮޅު ހައްލަކީ އޯޕެން ޕްރިޒަން ކަމަށެވެ.

"ރާއްޖޭގައި މިއަދު ގޭންގުތަކާއި ޑްރަގް ނެޓްވޯކްތަކާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ ޒުވާނުންނަށް ވަރަށް ބޮޑަށް އަޅައިލުން ބޭނުންވޭ އަނބުރާ މުޖުތަމައަށް ގެންނަން. އެކަމަށް އޮތް ހައްލަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ކާމިޔާބު ކަމާއެކު ތަންފީޒުކުރަމުން ގެންދާ، ޕްރެކްޓިސް ކުރަމުން ގެންދާ އިންޑަސްޓްރިއަލް ނުވަތަ އޯޕަން ޕްރިޒަންއެއް ރާއްޖޭގައި ގާއިމުކުރެވިގެން،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނޭކުރެންދޫ ޖަލު އޯޕަން ޕްރިޒަނަށް ހެދުމަށް ޑޮކިއުމެންޓުތައް ހެދިފައިވާ ކަމަށާއި އެ ޖަލު އެޅުމުން ރާއްޖޭގެ ކުށުގެ ވެށްޓަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ނޭކުރެންދޫ ޖަލަކީ މި ސަރުކާރުގެ ވައުދަކަށްވާ އިރު، ދައުރު ނިމުމުގެ ކުރިން ޖަލުގެ މަސައްކަތް އެއްކޮށް ނިންމައިނުލެވޭނެތޯ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ރާއީ ވަނީ މިނިސްޓަރު އިމްރާންއާ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް މި ހަފުތާގައި ލިޔުމުން ޖަވާބުދެއްވަމުން އިމްރާން ވިދާޅުވެފައިވަނީ ނޭކުރެންދޫ ޖަލުގެ މަސައްކަތް ލަސްވެ، ދިގުލައިގެން ދިޔައީ ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވި މާލީ ގޮންޖެހުންތަކާ ގުޅިގެން އެ ޕްރޮޖެކްޓުގެ ބަޖެޓު ކުޑަކުރުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ނޭކުރެންދޫ ޖަލުގެ ޕްރޮޖެކްޓަށް މިއަހަރަށް ލިބިފައިވަނީ ދިހަ މިލިއަން ރުފިޔާ ކަމަށާއި އަންނަ އަހަރަށްވެސް ހަމަޖައްސައިދީފައިވަނީ ދިހަ މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ބަޖެޓުން އަންނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އަންދާޒާ ކުރެވެނީ ޖަލުގެ ވަށާ ފާރާއި ޖަލުގެ ކޮންސެޕްޓް އަދި ތަފްސީލު ކުރެހުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފުރަތަމަ ފެށުނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރުއެވެ. ނަމަވެސް ފާއިތުވި 12 އަހަރުގެ ތެރޭގައި ބިން ކަނޑައެޅުން ފިޔަވައި، އެކަމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.