ގދ.ތިނަދޫގައި 200 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

9 އޮކްޓޯބަރ 2022 - 11:29

ގދ.ތިނަދޫގައި 200 ހައުސިންގ ޔުނިޓު އިމާރާތް ކުރަން 253.9 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާ އަކާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމް އެވެ. އަދި ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެމް.އެޗް.ޕީ ޕްރަސާދު އެރަތުނާ އެވެ.

ސިއެރާ ކޮންސްޓްރަކްޝަން އަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކޮށްފައިވާ ލަންކާގެ ކުންފުންޏެކެވެ.

މި މަޝްރޫއުގައި ތިނަދޫގައި އިމާރާތް ކުރާނީ 700 އަކަފޫޓުގެ ހައުސިން ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނާ، ސިޓިން ރޫމް، ބަދިގެ، ކާ ގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެ އެވެ.

ތިނަދޫގައި ގެތައް އިމާރާކުރަން ބަޔަކު ހޯދަން އިއުލާނު ކުރީ މި އަހަރުގެ އޭޕްރީލް ފަހު ކޮޅު އެވެ. އެ މަޝްރޫއު އިއުލާން ކޮށްފައި ވަނީ ފަރުމާ ކުރުމާއި، އިމާރާތްކުރުމުގެ މަސައްކަތް ހިމެނޭ ގޮތަށެވެ.

ތިނަދޫއަކީ ރާއްޖޭގެ ފަސްވަނަ އަށް އާބާދީ އެންމެ ބޮޑު ރަށެވެ. ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ މީހުންގެ އުޅޭ ތިނަދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ވަނީ ބޮޑުވެފަ އެވެ.

މީގެ ކުރިން ވެސް ތިނަދޫގައި 120 ހައުސިން ޔުނިޓް އަޅައިފައިވެ އެވެ.

ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުގެ ތެރެއިން ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް، ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް، ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް ދާދި ފަހުން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އަދި އިތުރު ބައެއް ރަށްރަށުގައި ވެސް އެގައް އިމާރާތްކުރަން ވަނީ ބީލަމަށް ލައިފަ އެވެ.