އެޗްޑީސީއިން ހުޅުމާލޭގައި ހިންގާ 4 މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

9 އޮކްޓޯބަރ 2022 - 11:21

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހިންގުމަށް ނިންމާފައިވާ މުހިންމު 4 މަޝްރޫއެއްގެ އެއްބަސްވުން ތަކުގައި ސޮއެކޮށްފި އެވެ.

މިހަތަރު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ވޯކާސް ބިލްޑިން އަކާއި އޮޓޯ ސެންޓަރެއްގެ އިތުރުން ޕާކިން ބިލްޑިންއެއްގެ އިތުރު ޑޭކެއާ ސެންޓަރެއް ގާއިމުކުރުމެވެ. މި ހުރިހާ މަޝްރޫއެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގަ އެވެ.

މިސޮއި ކުރިވެގެން ގޮސްފައި މިވަނީ ސަރުކާރުގެ ސިޔާސަތު ތަކާއި އެއްގޮތަށް މާލެ ސަރަހައްދަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކަށް ކޮންމެސް ވަރެއްގެ ހައްލެއް ހޯދައިދިނުމަށް އެ ކުރިއަށް ގެންދެވޭ މަޝްރޫއުތަކެއް ކަމަށް މި އެއްބަސްވުން ތަކުގައި ސޮއި ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވި އެވެ.

ޕާކިން ބިލްޑިން
ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން ހަދާ އެ ޕާކިން ބިލްޑިންއަކީ ހަ ފުލޯގެ ތަނެކެވެ. ބޭސްމެންޓް ޕާކިންއާ އެކު ވެހިކަލް ޕާކްކުރުމަށް ހަދާ އެ އިމާރާތަކީ 24،700 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ. އެ އިމާރާތުގެ ދެ ފްލޯ ހާއްސަކުރަނީ ކޮމާޝަލް ބޭނުމަށް ފިހާރަތަކާއި ފާހަނާތައް ހެދުމަށެވެ.

އެ ޕާކިން ބިލްޑިންގާ އެކު ފުރަތަމަ ފަހަރަށް ރާއްޖެ އަށް "ވެލެޓް ޕާކިން" ތައާރަފުކޮށް، ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ހާއްސަ ޕާކިން ޖާގައެއް ވެސް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވޯކާސް ބިލްޑިން
އެކި ކުންފުނިތަކުން ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި ތަނަވަސް އެކޮމޮޑޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަދާ، ވޯކާސް ބިލްޑިންގެ މަސައްކަތް ހަވާލުކުރީ ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓްއާ އެވެ.

އެ ބިލްޑިން ފަރުމާކުރަނީ 9،000 ލޭބަރުންނަށް އެކޮމޮޑޭޓް ކުރެވޭ 18 ބްލޮކް ހިމަނައިގެންނެވެ. އެއިން ކޮންމެ ބްލޮކެއްގައި ހަތަރެއް އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފާހަނާބަރިއަކާއި ނަމާދުކުރާނެ ތަނާއި އަދި ފިހާރަތައް ހުންނާނެ އެވެ. އަދި ބަޔަކު ދިރިއުޅޭ ތަނަކަށް ބޭނުންވާ އެހެނިހެން އަސާސީ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ.

ޑޭކެއާ ސެންޓަރު
ޒަމާނީ ޑޭކެއާގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ހަދާ އެ އިމާރާތުގައި ވެސް ހަ ފުލޯ ހުންނާނެ އެވެ. ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ހާއްސަ ކްލިނިކްތައް ވެސް އެތަނުގައި ހަދަން ނިންމާފައިވެ އެވެ. އެ މަސައްކަތް ހަވާލުކުރީ އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ) އެވެ.

އޮޓޯ ސެންޓަރު
ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕަރޭޝަންއާ ހަވާލުކޮށްގެން ހަދާ އެ އޮޓޯ ސެންޓަރަކީ ބޭސްމަންޓާ އެކު ފަސް ފުލޯ ހުންނަ 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. އެ އިމާރާތުގައި ހަތް ސާވިސް ލިފްޓު ހުންނާނެ އެވެ. އެޗްޑީސީން ބުނި ގޮތުގައި އެ ސެންޓަރުން ގަރާޖުތަކަށް ތަނަވަސް ޖާގައެއް ލިބިގެންދާނެ އެވެ. އެ އިމާރާތުގައި ކަރަންޓް އުޅަނދުތަކަށް ހާއްސަ ޗާޖިން ސްޓޭޝަނެއް ވެސް ހުންނާނެ އެވެ.

އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭއިރު ވާރޭފެން ހާވެސްޓް ކުރެވޭނެ ކަމަށާއި އަދި އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމެއް ވެސް ހުންނާނެ ކަމަށް ބުންޏެވެ.