ގަން އެއަރޕޯޓު ތަރައްޤީ ކުރަން ބީލަމަށް ހުޅުވާލައިފި

4 އޮކްޓޯބަރ 2022 - 16:04

އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ގަން އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ޕްރީ ކޮލިފިކޭޝަން މަސައްކަތް އެގްޒިމް ބޭންކުން މޭއި މަހު ވަނީ ފަށާފައެވެ. އަދި ޕްރީ ކޮލިފިކޭޝަނުން 7 ކުންފުންޏެއް ވަނީ ކޮލިފައިވެފައެވެ. މިއާއެކު މި ހަތް ކުންފުންޏަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.

ގަން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްގެ ވަޢުދުފުޅެކެވެ. މިއީ ދެކުނުގެ އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތައް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރާއިރު، މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްޤީ ކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްޤީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެއަރޕޯޓުގައި ކޯލްޑް ސްޓޯރޭޖެއް ތަރައްޤީ ކުރެވި، ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއަރޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްޤީ ކުރުމަށް މިމަޝްރޫއުގެ ތެރޭގައި ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުއެވެ.

ގަން އެއަރޕޯޓު ތަރައްޤީ ކުރުމަށް 17 މިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށް މީގެ ކުރީން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިމަޝްރޫޢުގެ ސަބަބުން ދެކުނުގެ މަސްވެރިކަމާއި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.