ހުޅުދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

2 އޮކްޓޯބަރ 2022 - 18:55

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިއްޖެއެވެ.

ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓް ދެމުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި އަދި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މިމަޝްރޫއުގެ ދަށުން ހިމެނެއެވެ.

ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.