ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ހުޅުވާލި މުއްދަތު އޮކްޓޯބަރު 15އަށް އިތުރުކޮށްފި

20 ސެޕްޓެމްބަރ 2022 - 17:14

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލާފައިވާ މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި، ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން މިއަދު ބުނީ، ބިންވެރިޔާ'' ސްކީމް އަދި ''ގެދޮރުވެރިޔާ'' ސްކީމުން ގޯއްޗާއި، ފުލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

ސުންގަޑި އިތުރުކޮށްފައިވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް މިމަހުގެ 15 ވަނަ ދުވަހު ގެނައި ބަދަލުގެ ސަބަބުންނެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާ މީހުންގެ ވަކި ޚާއްސަ ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އަދި، އަމިއްލަ ގޮތުންނާއި، ގިނަ ބަޔަކު ބައިވެރިވެގެން ވެސް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތަށް ބައިވެރިވެގެން ހުށަހެޅޭނީ އެއް އާއިލާއެއްގެ މީހުން ނުވަތަ އެއް ގޯއްޗެއްގެ ބެހެނިވެރިން ކަމުގައިވާ މީހުންނަށެވެ. އެ އެންމެންގެ ޝަރުތު ވެސް ފުރިހަމަ ވާންޖެހެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަ ފޫޓެވެ. އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑު ސައިޒެއްކަމަށް ކަނޑައަޅާފައިވަނީ 4000 އަކަފޫޓެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން މަދުވެގެން 1،000 ގޯތި ދޭނެއެވެ. ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭއިރު ގިރާވަރު ފަޅުން 2،000 ގޯތި ދޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.