މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

20 ސެޕްޓެމްބަރ 2022 - 16:50

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.

މިމަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމް.ޓީ.ސީ.ސީން ބުނީ، މި މަޝްރޫޢުގެ ދަށުން، 59،013.29 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3245.48 ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ އިތުރުން 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 1508.90 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހަދައި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕްލޭނިންގ މިނިސްޓްރީން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢަކީ، 59.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މިމަޝްރޫއުގެ މަސައްކަތް ފެށުމަށް މާއުނގޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މަޖްލިސް މެމްބަރު މުޙައްމަދު ޝާހިދާއި، މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީކޮށް ނިމުމުން، ލަފާފުރުމުގެ ދަތިތައް ޙައްލުވެގެންދާނެއެވެ. އަދި ދަނޑުވެރިކަމާއި، ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މިރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވުމުން އިޤްތިސާދީ ފައިދާތަށް ލިބިގެންދާނެއެވެ.