ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އާރްޑީސީ އިން 65 ޒުވާނުން ތަމްރީނުކުރަނީ
17 ސެޕްޓެމްބަރ 2022 - 9:20
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން 65 ޒުވާނުން ތަމްރީނުކުރަން ޔޫތް މިނިސްޓްރީ އާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
ސަރުކާރުގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޔޫތް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ.
މި ޕްރޮގްރާމަކީ ޒުވާނުންގެ ތެރެއިން ހަވާސާގައި ދިރިއުޅޭ ޒުވާނުންނާއި އަދި ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވައި، އަދި ޒުވާނުންނަކީ ގައުމުގެ އިގްތިސޯދީ ތަރައްގީ އާއި އިޖުތިމާއީ ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިތުރު ޒުވާނުންތަކެއް ވަޒީފާގެ ބާޒާރަށް ނެރުމަށް އާރްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ) އެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް އެވެ.
ތަމްރީނު ދޭނެ ދާއިރާތައް
- އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް
- ފްރޮންޓް އޮފީސް
- ކޮމްޕެނީ އެޑްމިނިސްޓްރޭޝަން
- ސައިޓް ސުޕަވިޝަން
- އިންވެންޓްރީ މެނޭޖްމަންޓް
- އޮޓޮމޭޓިވް މެއިންޓެނަންސް
- ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް
- ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
- ވެލްޑިން
- ކާޕެންޓްރީ
- މޭސެންރީ
- ޕްލަމްބިން
- ހެވީ ވެހިކަލް އޮޕަރޭޝަން
- ޕެއިންޓިން
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކޮށް ބެލުމުގެ ތެރެއިން މަސައްކަތްތައް ދަސްކޮށްދޭނެ ކަމަށެވެ. ބައިވެރިންނަށް އެކަށީގެންވާ އެލަވަންސެއް އާރްޑީސީގެ ފަރާތުން ދޭނެ އެވެ.
ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ގައުމީ ސަނަދުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ. ތަމްރީނުތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ޑިވެލޮޕްމަންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާސް" ތަކާއި އެއްގޮތަށް ކަމަށާއި، ތަމްރީނުދޭ އިންސްޓްޓިއުޓްތަކުގެ ހަރަދުތައް ހަމަޖައްސައިދޭނީ ޔޫތް މިނިސްޓްރީގެ ފަރާތުން ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.
މިހާތަނަށް 11 ކުންފުންޏެއްގައި 250 އަށް ވުރެ ގިނަ ޒުވާނުން ވަނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކޮށްފަ އެވެ.