ލާމަރުކަޒީ ނިޒާމާއެކު ރާއްޖޭގެ ހިންގުމަށް ގެންނަމުންދާ ބަދަލުތަކަކީ އިދާރީގޮތުން މިހާތަނަށް ރާއްޖެއަށް ގެނެވޭ އެންމެބޮޑު ބަދަލުތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

11 ސެޕްޓެމްބަރ 2022 - 15:45

ލާމަރުކަޒީ ނިޒާމާއެކު ރާއްޖޭގެ ހިންގުމަށް ގެންނަމުންދާ ބަދަލުތަކަކީ އިދާރީގޮތުން މިހާތަނަށް ރާއްޖެއަށް ގެނެވޭ އެންމެބޮޑު ބަދަލުތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ސަރުކާރުން މިހާރު ހިންގާ ތަރައްޤީ މަޝްރޫޢުތައް އަދި ސިޔާސަތުތައް އެކުލަވާލާފައި ވަނީ ކޮންމެ ރައްޔިތަކަށް ވެސް، އެ ރައްޔިތަކު އިޚްތިޔާރު ކުރާތަނެއްގައި އުފާ ފާގަތި ކަމާއެކު ޢާއިލާއެއް ބިނާކޮށް، ދިރިއުޅެވޭނެ މަގުފަހިކޮށްދިނުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު މިހާރު ފެށިފައިވާ ރާއްޖެ ޓްރާސްންސްޕޯޓް ލިންކް (އާރް.ޓީ.އެލް.) އާއެކު މީގެ ކުރިން ފަހިނުވާ މިންވަރަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ފަހިވެ ވަކިވަކި ރަށްތަކުގެ އިޤްތިޞާދީ ޙަރަކާތްތަކަށް އިތުރަށް ދިރުން ލިބިދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިދަންނަވާ ތަނަވަސްކަމުގެ މިސާލެއް ދަންނަވާނަން. ތަކަން-މާރަންދޫގެ ހިކަނދި ރާނބާ، އެންމެންވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް، ކެލާ ބާރަށުގެ ފަލަމަޑިއަށް، ރަށްތަކުން އިންތިޒާރުކުރޭ. އަދި މިނޫނަސް، އެތައް ރަށެއްގެ އާދަޔާ ޚިލާފް "މާދަރީ އުފެއްދުން ހުރޭ". އާރް.ޓީ.އެލް. މެދުވެރިކޮށް، މިތަކެތި ފީނުވެ ބޮޑު ތިލަދުންމައްޗަށް ރައްދު ކުރެވި، އެރަށަކަށް އެރަށެއްގެ އަގު، އިރު އޮއްސުމުގެ ކުރިން މިހާރު ލިބޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ނިޒާމު ފުރިހަމަ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެ ގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޮބައިލް ލެބޯރޓަރީގެ ޚިދުމަތް އެޚިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު އަމާޒުކުރެވި ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ.

ޒަމާނުއްސުރެ ކަނޑަނާޅާ އޮތް "އެންމެ ދަށް އުޖޫރަ" މި ސަރުކާރުން ކަނޑައަޅައި އޭގެ ސަބަބުން އެތައް ފައިދާތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީވެސް އިންޤިލާބީ ބަދަލެއްކަން ފާހަގަކުރައްވައި އޭގެ ސަބަބުން ޕްރިންސިޕަލުންނާއި، ޓީޗަރުން ލިބުމުގައި އޮތް އެންމެ ބޮޑު ހުރަސް ނައްތާލެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދެން މި ބަދަލު އެންމެ އަވަހަށް ފެނިގެންދާނީ ޞިއްޙީ ދާއިރާއިންކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިއަހަރުގެ ހައި އެޗީވަރސް އެވޯޑު ޙާޞިލްކުރި ދަރިވަރުންގެ އަދަދާއި އަދި މުޅިދުނިޔެއާ ވާދަކޮށް، އެކަހެރި ކުދި ރަށްރަށުގެ މަދަރުސާ ތަކުގެ ދަރިވަރުން ހޯދި މަތީ ނަތީޖާތަކުން، ލާމަރުކަޒީ ނިޒާމާއެކު ރަށްރަށުގެ ތަޢުލީމީ ނިޒާމަށް ސަރުކާރުން ގެނެސްދެއްވި ހެޔޮ ބަދަލު ފެނިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަސާސީ ބައެއް ޚިދުމަތްތައް ކަމުގައިވާ ފެނާ ނަރުދަމާ 2018 އާ ހަމައަށް އައިއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ 70 އިންސައްތަ އަށްވުރެ ގިނަ ރަށުގައި، ޤާއިމުކޮށްފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކޮށް ނިންމުމަށް އަމާޒު ހިފައިގެން އެމަސައްކަތްތައް ނިންމަމުން އަންނަނީ އެ ޚިދުމަތްތަކަކީ، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމާ، މުޅިރާއްޖޭގެ ތަރައްޤީ، އޭގެ މައްޗަށް ބިނާވާ އަސާސްތައް ކަމުގައިވާތީކަމަށެވެ. ފެނާ ނަރުދަމާގެ އިތުރުން ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ ޢަދަދު މިހާރު ދެގުނަ އިތުރުކޮށް، ކަރަންޓް ދިނުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދީފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ބާވެ ހަސްނެތި އުވެމުން، ނިވެމުން، ކަނިވަމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާ، ބޯދުމާ، ގެނދަބުޅިން، ރައްޔިތުން މިންޖު ކުރުމުގެ ބޮޑު މަޝްރޫޢު، ފެނަކައިން ހިންގަމުން އެބަގެންދޭ. އާ ޖޯރަކާ އިތުރު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާއިންޖީނުގެ ތަކުގާ އެދަނީ ބަހައްޓަމުން. ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުން. ދުރު އަދި މެދު ރާސްތާގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ އަމާޒަށް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ހުރިހާ ސިޔާސަތެއް މިހާރު ފަރުމާވެ ހިނގަމުންދަނީ ލާމަރުކަޒީ ނިޒާމަކީ މައިގަނޑު އަސާސްކަމުގައި ބަލައިގެން އެއްރަށް އަނެއް ރަށާ ގުޅި ލާމެހިގެން ހިނގާ ޖަޒީރާ ދިރިއުޅުމަށް މަގުފަހިވާގޮތަށްކަމުގައެވެ.