ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބޭނުމަކީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކު ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރުން: ރައީސުލްޖުމްހޫރިއްޔާ
11 ސެޕްޓެމްބަރ 2022 - 15:34
ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާ ޚިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަ ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގެ ކަންކަން ވިލަރެސް ކުރުމުގައި، މި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކުން ނިންމާ ނިންމުންތަކަށް ރިޢާޔަތްކުރެވި އެކަންކަމަށް އަމަލީ ސިފަ ގެނެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސުން ފެށިގެން މި ކޮންފަރެންސްއާ ހަމައަށް އައިއިރު ލާމަރުކަޒީ ނިޒާމު ހިންގުމުގައި އެކަށީގެންވާ ރަނގަޅު ނަތީޖާތަކަކާއި ކުރި އެރުންތަކެއް ޙާޞިލުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.
ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް ކުރަންހުރި ކަންކަމާމެދު މި ކޮންފަރެންސްގައި މަޝްވަރާކުރެވޭ އިރު، ރާއްޖޭގެ އިޖުތިމާޢީ އުފާފާގަތި ކަމަށް އެންމެ ބޮޑަށް ހުރަސް އެޅިފައިވާ، އިޖުތިމާޢީ 3 މައްސަލަކަމުގައިވާ ހަރުކަށި ފިކުރާ، ގޭންގް ކުށްތަކާ، މަސްތުވާތަކެތީގެ މައްސަލަ ތަކާމެދު ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންފަރެންސްގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ތައްޔާރުކޮށްފައިވާ 7 ފޮތެއް ނެރެދެއްވާފައެވެ.
ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ.ގަމުގައި ބޭއްވޭއިރު، މިކޮންފަރެންސްގައި، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުޞަތު ލިބޭނެއެވެ.