އަގުހެޔޮ ފަސޭހަ މިނީ ބަހުގެ ޚިދުމަތް މާލެ ސިޓީގައި މިއަދު ފަށައިފި

5 ސެޕްޓެމްބަރ 2022 - 14:15

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ދަށުން މާލެ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފަށައިފިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދެނީ ތިން ރޫޓަކުންނެވެ. އެއީ އަމީނީ ރޫޓް, ސޯސަސް ރޫޓް އަދި އޯކިޑް ރޫޓް މެދުވެރިކޮށެވެ. އަދި ކޮންމެ ރޫޓެއްގައި ޖުމުލަ 40 ބަސް ހުއްޓި ހުންނާނެއެވެ.

އެމްޓީސީސީން ބުނީ, މިނީ ބަހުގެ ޚިދުމަތުގައި ޖުމްލަ 18 ބަސް ބޭނުންކުރާނެ ކަމަށާއި، އޭގެތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާފޭބޭ ގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެއް ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްފައިވާ ބަސްތަކުގައި 20 ގޮނޑި ހުންނާނެއެވެ. އަދި ރޭމްޕް ހަރުކޕށްފައި ނުހުންނަ ބަސްތަކުގައި 22 ގޮނޑި ހުންނާނެ ކަމަށާއި، މި ދެވައްތަރުގެ ބަހުގައިވެސް އިތުރަށް 10 މީހުންނަށް ކޮޅަށް ތިބެ ދަތުރުކުރުމަށް އަތުން ހިފަހައްޓާނެ 10 ހޭންޑްލް ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މާލޭ މިނީ ބަހުގެ ޚިދުމަތް ހަފުތާގެ ކޮންމެ ދުވަހަކު, ހެނދުނު 5:45 އިން ރޭގަނޑު 00:15 އަށް ލިބޭނެއެވެ. އަދި މި ޚިދުމަތް ކޮންމެ ބަސް ހުއްޓިއަކަށް 10 މިނެޓާއި، 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ލިބޭނެއެވެ.

މިނީ ބަހުގެ ޚިދުމަތް ފަށާފައިވާއިރު ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެއެވެ. އެ މުއްދަތު ހަމަވުމުން ދެން ދަތުރުކުރެވޭނީ، އާރުޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިއުއާރް ޓިކެޓް ނަގައިގެންނެވެ. ޓިކެޓެއްގެ އަގަކީ ހަތް ރުފިޔާއެވެ.

ޓްރައިލް މުއްދަތަށްފަހު ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށި ނަމަވެސް، 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.