މިއީ ތަފާތުކުރުމެއްނެތި، ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ރަަށްރަށުގައި ތަރައްޤީގެ ކަންކަން ހިންގާ ސަރުކާރެއް: ބ. ދަރަވަންދޫ ކައުންސިލް

1 ސެޕްޓެމްބަރ 2022 - 15:30

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، ރައީސް ޞާލިޙްގެ ސަރުކާރަކީ ރާއްޖޭގެ ތަރައްޤީގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ތަރައްޤީއާއި ރަށްތަކަށް ބޭނުންވާ ޚިދުމަތްތައް ދެއްވަމުންގެންދަވާ ސަރުކާރެކެވެ. އަދި، މިފަދަ އެތަކެއް ސަބަބުތަކަށްޓަކައި ރައީސް ޞާލިޙަކީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި މިހާރުވެސް ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިޔަށް ދިޔަކަމުގައިވިޔަސް ބައެއް ކަހަލަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ދަރަވަންދޫގެ ބަނދަރާއި އެއަރޕޯޓާ ދެމެދުގައިވާ ސަރަޙައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި،ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރަން ބޭނުންވުމާ، ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ މަޝްރޫޢުތައް ފާހަގަކުރައްވާނެކަމުގައި ވިދާޅުވިއެވެ.