އަމީނީ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

31 އޯގަސްޓް 2022 - 2:24

އަމީނީ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި ޕްރޮޖެކްޓް ފައްޓަވައިދެއްވީ މާލެ ސިޓީގެ ކުރީގެ މޭޔަރ މައިޒާން އަލިމަނިކްއެވެ. މާލޭގެ އަމީނީ މަގަކީ ވެރިރަށް މާލޭގެ އެންމެ މުހިންމު އެއް މަގެވެ. މާލޭގެ ހުރިހާ އަވަށްތައް ގުޅާލާ މި މަގަކީ ގިނަ ޚިދުމަތްތައް ޤާއިމުވެފައިވާ މަގެކެވެ. އޮފީސްތަކާ އިދާރާތަކާއި ސްކޫލްތައްވެސް ގިނަ މަގެކެވެ.

ވާރޭ ވެހިއްޖެނަމަ މަގުތަކުގެ ފޫޓަކަށް ފެން ބޮޑުވާ ފަހަރުވެސްދެއެވެ. އަދި ފެން ނުހިނދި މަގު ތަޣައްޔަރުވުމާއި، މަގުތަކުގެ އަޑިގުޑަންކަމަކީވެސް މަގު ބޭނުންކުރާ ކޮންމެ މީހަކަށްމެ އޭގެ ތަކުލީފު ބޮޑު މައްސަލައެވެ. މިހާތަނަށްވެސް ހައްލު ނުވެވާ މި މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ނިންމަވާ، އޭގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކުރީ ޖުލައި މަހުގެ 3ވަނަ ދުވަހުއެވެ.

އަދި މިހާރު މިވަނީ މިކަމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ މާލެ ސިޓީގެ ކުރީގެ މޭޔަރ މައިޒާން އަލި މަނިކް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްއެވެ. މި މަސައްކަތުގައި މުޅި އަމީނީމަގުގައި ތާރު އަޅާ ތަރައްޤީކުރާނެއެވެ. އެއީ 1.79 ކިލޯމީޓަރުގެ މަގެވެ.

މަގު ހެދުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ ކުރީގެ މޭޔަރ މައިޒާން އަލިމަނިކު ވިދާޅުވީ މި މަގުގެ ދަތި އުނދަގޫ ތަޖުރިބާ ނުކުރާ އެއްވެސް ރައްޔިތެއް ނެތްކަމަށެވެ. އުއްމީދަކީ ވިއްސާރަ ދުވަސްވަރު ކުދިން ސްކޫލަށް ގެންދިއުމާއި އޮފީސްތަކަށް ދިއުމާއި، އަދި މަގުތައް އަޑިގުޑަންވެ އުޅަނދުތަކަށް ލިބެމުން އަންނަ ގެއްލުންތަކަށް އަވަސް ހައްލެއް ލިބިގެން ދިއުންކަމަށެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކް ވިދާޅުވީ، މި މަގު ހެދުމަށް ކުންފުނީގެ ވަރުގަދަ ޓީމެއް ރެއާއި ދުވާލު މަސައްކަތްކުރުމަށް ތައްޔާރުގައި އޮތްކަމަށެވެ. އަދި ކުންފުނީގެ ފުރިހަމަ ތަޖުރިބާ ބޭނުންކުރާނެކަމަށެވެ. އަދި މަގުގެ ނިމިގެންދާނީ މާލޭގެ އަމީނީ މަގުގައި ފެންބޮޑުވާ މައްސަލައަށް ހައްލު ލިބިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގައި އެންމެ ދަތި ކަމަކަށްވާނީ މަގުތަކުގެ އަޑި އޮތް ގޮތް ނޭގުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުންފުނީގެ ޢަމާޒަކީ ޓައިމްލައިނާ އެއްގޮތަށް 7 މަސް ދުވަހުން މަސައްކަތް ނިންމުންކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފުރަތަމަ މަގު ހަދަން ފަށާފައިވަނީ ހެންވޭރުކޮޅުން، ކަލާފާން ސްކޫލާ ހަމައަށެވެ. މަގުގެ މަސައްކަތް 13 ސެގްމަންޓަކަށް ވަނީ ބަހާލާފައެވެ. މި ޕްރޮޖެކްޓަކީ ސަރުކާރުން 84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.