އެންމެ ގިނަ މަޝްރޫއުތައް މުލީގައި ހިންގަން ފަށާފައި ވަނީ މިސަރުކާރުން: މުލީ ކައުންސިލް

29 އޯގަސްޓް 2022 - 14:34

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މ.މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، މުލީގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި، ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ އިއްޔެ ހަވީރު، މ.އަތޮޅު ކައުންސިލް އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި މުލީ ކައުންސިލުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ އަޑު އައްސަވާ އަދި ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރައްވާ ކަމަށާއި، މުލީގެ ތަރައްޤީއަށް މިސަރުކާރުން ކޮށްދޭ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މުލީގެ ބަނދަރު މަރާމާތު ކުރަންޖެހިފައިވުމާއި، މުލީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ރަށުގެ ކައުންސިލް އިދާރާ ބައުވެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމާއި، ރަށްގިރުމުގެ މައްސަލަ ހިމެނެވެ. މީގެއިތުރުން ރަށުގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވުމުން އެކަމަށް އަވަސް ހައްލެއް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު މުއްޔަށް ވަޑައިގެންނެވުމުން މުލީ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ، މުލީގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މުލީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރުމަތި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހެލްތު މިނިސްޓްރީން ކުރައްވަމުން ގެންދަވާނެ ކަމަށާއި، އެކަމާއި ގުޅޭ ސާރވޭ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންގެންދާ ކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަނެ އެކަމާއި ގުޅޭ ރިޕޯޓެއް ހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް މަސްތުވާތަކެއްޗާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ޓާސްކްފޯހުގައި މަޝްވަރާކުރައްވައި، ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެންމެފަހު ރަށަކަށް ވަޑައިގެންނެވީ، މ.މުއްޔަށެވެ.