އާރްޓީއެލްގެ ސްޕީޑް ފެރީތައް ށ. އަތޮޅަށް އަންގާރަ ދުވަހު ފަށަނީ

29 އޯގަސްޓް 2022 - 14:23

ޒޯން އެކެއްގައި ހިމެނޭ ށ.އަތޮޅުގައި ފެރީގެ ޚިދުމަތް އަންނަ އަންގާރަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން މިހާރުވަނީ ށ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންގްގެ ޙިދުމަތް ފެށުމަށްް ބޭނުންވާ ފެރީތައް އެއަތޮޅަށް ފޮނުވާލާފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން ފުރަތަމަ ފެރީގެ ޙިދުމަތް ދޭން ފަށާފައިވަނީ ޒޯން އެކެއްގައެވެ. މި ޒޯންގައި މިހާރު ޙިދުމަތް ނުފެށި އޮތީ ހަމައެކަނި ށ. އަތޮޅުގައެވެ. ނަމަވެސް މި އަތޮޅަށްވެސް އަންގާރަ ދުވަހުން ފެށިގެން ފެރީގެ ޙިދުމަތް ފެށިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަތޮޅުގައި ޚިދުމަތް ދިނުމަށް ބޭނުންވާ 4 ފެރީ މިހާރުވަނީ ށ.އަތޮޅަށް ފޮނުވާލާފައިަކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ 7 ރޫޓަކުން ދަތުރުތަކަށް އޮތް ޑިމާންޑާއި ދިމާވާ ދަތިތައް ބެލުމަށްފަހު ހަފްތާއެއްފަހުން ރަސްމީކޮށް ޚިދުމަތް ފެށިގެންދާނެކަމަށެވެ.

ށ.އަތޮޅުގެ ދަތުރުތަކާއެކު ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅާއި ހދ.އަތޮޅާއެކު ތިން އަތޮޅުގެ ހުރިހާ ރަށެއް ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ގުޅާލެވުނީއެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފުރަތަމަ ޒޯންގެ ދަތުރުތަކުގެ މަސައްކަތް މިހާރު ނިމިފައިވާއިރު އެމްޓީސީސީން އަންނަނީ ޒޯން ދޭ އަދި ތިނެއްގައި ހިމެނޭ ރަށްތައް ގުޅާލުމަށް ބޭނުންވާ ފެރީތައް ބަނުމަށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އާރްޓީއެލް ފެރީގައި ބޭނުންކުރާ އެޕްލިކޭޝަން މެދުވެރިކޮށް ދުރާލާވެސް ޓިކެޓް ނަގާލެވޭނެއެވެ.

އެމްޓީސީސީގެ އަމާޒަކީ މިޚިދުމަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލާ ދަތުރުފަތުރުގެ ފަހި ނިޒާމެއް ޤާއިމުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

2023ގެ ނިޔަލަށް މީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުތައް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.