އއ. އަތޮޅު ތިން ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއާ ހަވާލުކޮށްފި

29 އޯގަސްޓް 2022 - 2:26

އއ. އުކުޅަހާއި ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް މަރާމާތުކޮށް، ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯ އިން ހަވާލުވެއްޖެ އެވެ.

ސްޓެލްކޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ތިން ރަށެއްގެ މަގުބައްތިތައް ބަލަހައްޓާ، މަރާމާތު ކުރުމަށް އެމްއޯޔޫއެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

މިގޮތުން މަގުބައްތިތައް ބެލެހެއްޓުމަށް ސްޓެލްކޯއާއެކު އެއްބަސްވެފައިވަނީ:
  • އއ. ތޮއްޑޫ
  • އއ. ރަސްދޫ
  • އއ. އުކުޅަސް

އެ ކުންފުނިން އެ ރަށްތަކުގެ މަގުބައްތިތަކާ ހަވާލުވީ، ބައެއް ބައްތިތައް ނިވި، އެ ރަށްރަށުގެ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުންނެވެ.

ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަސައްކަތުގެ އަމާޒަކީ އެ ރަށްތަކުގެ މަގުބައްތިތަކަށް އެއްވެސް މައްސަލައެއް ނުޖެހި އަބަދުވެސް ދިއްލިފައި ހުރުން ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވި އެވެ.

ތިން ރަށުގެ ސްޓެލްކޯ ސްޓޭޝަން މެނޭޖަރުންގެ ޒިންމާއެއް އެއީ ބައްތިތައް އަބަދުވެސް ދިއްލިފައި ހުރި ކަން ކަށަވަރު ކުރުން. އަދި މައްސަލައެއް ދިމާވެއްޖެ ނަމަ އެ ކަމެއް ހައްލުކުން. ސްޓެލްކޯގެ ސްޓާފުންނަކީ އެ ކަމަށް ގާބިލު ބައެއް،" ޝަރީފު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ތިން ރަށުގެ ކައުންސިލްގެ ރައީސުން ވެސް ވަނީ ކައުންސިލްތަކުން ރަށްރަށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ސްޓެލްކޯއިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ރަށްރަށަށް ބޭނުންވާ ކަންތައްތައް ކުރުމުގައި އަބަދުވެސް ސްޓެލްކޯއިން އިސްނަގާ، މަސައްކަތް ކޮށްދެއްވާ ކަން ފާހަގަކޮށް ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރި އެވެ.

ކައުންސިލްތަކުން ވަނީ ތަރައްގީއަށް މަސައްކަތް ކުރުމުގައި ހުރި ދަތިތައް ފާހަގަކޮށް، އެކަންކަމުން އަރައިގަތުމަށް ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަން ވެސް ފާހަގަކުރައްވާފަ އެވެ.

އުކުޅަހާއި ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް ދިއްލުމާއި މަރާމާތުކޮށް، ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ސްޓެލްކޯއިންނެވެ.