ދެ މަސް ދުވަސް ތެރޭ އެންސްޕާއިން އެހީގެ ގޮތުގައި 20 މިލިއަން ރުފިޔާ ދޫކޮށްފި

11 މާޗް 2021 - 9:43

ނިމިދިޔަ ޖެނުއަރީ އަދި ފެބްރުއަރީ މަހު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެހީގެ ގޮތުގައި ޖުމްލަ 20 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ފުރަތަމަ ދެ މަސް ދުވަހު ބޭސް ފަރުވާ ކުރުމަށް އެހީތެރިކަމަށް އެދި ހުށަހަޅާފައި ވަނީ 1،266 އެޕްލިކޭޝަން ފޯމެވެ. އަދި އެ ފަރާތްތަކަށް ޖުމްލަ 20،366،686 ރުފިޔާ ދޫކޮށްފައި ވެއެވެ. މިއީ އެވްރެޖްކޮށް ބަލާނަމަ އެޕްލިކޭޝަން ފޯމަކަށް ދިވެހި ރުފިޔާއިން ނަމަ 16 ހާސް ރުފިޔާއެވެ. އަދި ޑޮލަރުން ނަމަ 1048 ޑޮލަރެވެ.

ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން އެ އެޖެންސީއަށް ވަނީ 2020 ވަނަ އަހަރު އެހީއަށް އެދި 5،222 އެޕްލިކޭޝަން ފޯމު ހުށަހަޅާފައެވެ. އަދި އެހީގެ ގޮތުގައި އެ ފަރާތްތަކަށް 79،889،650 ރުފިޔާ ދޫކޮށްފައި ވެއެވެ. އެއީ އެވްރެޖްކޮށް ބަލާނަމަ އެޕްލިކޭޝަން ފޯމަކަށް ދިވެހި ރުފިޔާއިން ނަމަ 15 ހާސް ރުފިޔާއެވެ. އަދި ޑޮލަރުން ނަމަ 992 ޑޮލަރެވެ.

2020 ވަނަ އަހަރު ވެސް އެންސްޕާއިން ބޭސްފަރުވާ ކުރުމަށް ބޮޑެތި އެހީތަކެއް ވެފައި ވާއިރު، އެ އަހަރުގެ ބޮޑު ބަޔަކީ، ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ފަތުރު ކުރުމުގެ ހުއްދަ ނެތް އަހަރެކެވެ. އެގޮތުން، ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކުގެ ބޯޑަރު ބަންދު ކޮށްފައި ވުމުގެ ސަބަބުން ދަތުރު ފަތުރު ކުރުމަކީ އުނދަގޫ ކަމަކަށް އޮތީ ވެފައެވެ.