މ. އަތޮޅުގެ ފެރީގެ ޚިދުމަތް ހޯދުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

28 އޯގަސްޓް 2022 - 16:27

ރާއްޖެ ޓްރާސްޕޯޓް ލިންކްގެ ހައިސްޕީޑް ފެރީގެ ޚިދުމަތް އެއަތޮޅުގައި ފެށުމުގެ ކުރިންވެސް، މުލަކަތޮޅުގެ ފެރީގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މ.މުލީ ރައްޔިތުންނާއި އެރަށުގައި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.

މުލީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި މިބައްދަލުވުން ފަށްޓަވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، މުލީ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށާއި ސަރުކާރުގެ އިސްބޭފުޅުން ހިމެނޭ ވަފުދަށް ދެންނެވި ހޫނު މަރުޚަބާ އާއި ދެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ.

މުލީގެ އާއްމު ރައްޔިތުންނާއި އެކީ ބޭއްވި ބައްދަލުވުމުގެ ކުރިން، މ އަތޮޅު ކައުންސިލާއި، މުލީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި، ބައްދަލުކުރައްވައި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ކުރަންބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެބައްދަލުވުންތަކުގެ ބޭނުންފުޅަކީ ވެސް ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެތެރެއިން އެންމެ އަވަހަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ބައްލަވައި ތަރުތީބުކުރެއްވުން ކަމަށެވެ. އަދި ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީވެސް، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާހޯއްދެވުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މުލީގެ ރައްޔިތުންގެ ފަރާތުން ވަނީ، އެރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައްޔިތުންނާއި މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައްޔިތުންނާއި އެކު ބޭއްވި މިބައްދަލުވުމުގައި، ރައްޔިތުންވެސް ވަނީ ރަށުގެ ބަނދަރު މަރާމާތު ކުރަންޖެހިފައިވުމާއި، ޤަވާއިދުން ފެރީގެ ޚިދުމަތް ލިބެމުން ނުދިޔުމާއި، އެއާޕޯޓުގެ މަސައްކަތާއި ކޯޒުވޭ އާއި ހޮސްޕިޓަލާއި އަތޮޅުތައުލީމީ މަރުކަޒުގެ ތަރައްޤީއަށް ކުރަން ބޭނުންވެފައިވާ މަސައްކަތްތައް ފާހަގަކޮށްފައެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކުރުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ބަނދަރުގެ ޑިޒައިނާއި ކުރެހުން ނިންމާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މ. އަތޮޅުގެ ފަސްރަށަކަށް ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގެންނެވީ، މ. މުއްޔަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.