ފުނަދޫ ރައްޔިތުން ހިންގި އިންޖީނުގެ 36 އަހަރަށް ފަހު ފެނަކައަށް
27 އޯގަސްޓް 2022 - 6:31
36 އަހަރު ވަންދެން ށ.ފުނަދޫގެ ރައްޔިތުން ހިންގަމުން އައި އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، މި އިންޖީނުގެ ހަވާލުކޮށްފައިވަނީ، އެ ކުންފުނިން ރަށްރަށުގައި ދެމުންގެންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ފުނަދޫގެ ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.
އަދި ށ. އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއް ފަދައިން ފުނަދޫގެ ކަރަންޓުގެ ޚިދުމަތުގެ އިންގިލާބީ ބަދަލު އެކުންފުނިން ފަށާފައިވާ ކަމަށެވެ.
މިގޮތުން އެރަށަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖަނަރޭޓަރު މިހާރު ރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފެނަކައިން ބުނެއެވެ.