ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރާއެކު ރީޖަނަލް އެއާޕޯރޓްސް ކުންފުނީގެ އޭވިއޭޝަން އެކަޑަމީ އިފްތިތާޙްކޮށްފި
23 އޯގަސްޓް 2022 - 16:04
ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރ ހިމެނޭގޮތަށް ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ (އާރު.އޭ.ސީ.އެލް) އިން އޭވިއޭޝަން އެކަޑަމީއެއް އިފްތިތާޙްކޮށްފި ކޮށްފިއެވެ.
މި އެކަޑަމީގެ ފަޔާރ ޓްރެއިނިން ހިންގުމުގައި ބޭނުންކުރުމަށް ތަށްޔާރުކުރެވިފަވާ ފަޔަރ ސިމިއުލޭޓަރ ވުޖޫދަށް ގެނައުމަށްޓަކައި، އެސިމިއުލޭޓަރގެ ބޭސަލް މަސައްކަތް އިސްނަންގަވައިދެއްވާފައިވަނީ އާރު.އޭ.ސީ.އެލް ކުރީގެ ފަޔަރ އެންޑް ސޭފްޓީ ޑިރެކްޓަރ، އަލްމަރުޙޫމް އަޙްމަދު ފަޔާޒެވެ. މިފަޔަރ ސިމިއުލޭޓަރ އުފެއްދުމުގެ ޢަމަލީ މަސައްކަތްފަށްޓަވާ ދެއްވާފައިވަނީ ސީދާ ފަޔާޒް ގެ ބެލުމުގެ ދަށުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. މި މަޝްރޫޢު ފެށުމުގައި އަލްމަރުޙޫމް އަޙްމަދު ފަޔާޒު ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި މެނޭޖިންގ ޑިރެކްޓަރ ނިންމެވުމުގެ މަތީން ފަޔަރ ސިމިއުލޭޓަރއަށް ނަންދެވިފައިވަނީ (އަޙްމަދު ފަޔާޒް ފަޔަރ ސިމިއުލޭޓަރ) ގެނަމުންނެވެ.
އާރު.އޭ.ސީ.އެލް އޭވިއޭޝަން އެކަޑަމީއަކީ އޭވިއޭޝަން ރެގިއުލޭޓަރީ އޮތޯރިޓީއިން ކުންފުންޏަށް ލާޒިމުކުރާ ހުރިހާ އޭވިއޭޝަންއާއި ގުޅުންހުރި ޕްރޮގްރާމްތަކެއް ހިންގުމުގެ ޤާބިލުކަން ލިބިގެންވާ އެކަޑެމީއެކެވެ. އެކަޑަމީގެ މަސައްކަތް ފެށިފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ރިޒްވީގެ އިރުޝާދުގެ ދަށުންނެވެ. އެކަޑަމީގެމަސައްކަތަށް ފުރިހަމަކޮށް، ތަމްރީނުކުރާ އެކަޑަމީރަސްމީ ސިފައެއްގައި 22 އޮގަސްޓް 2022 ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.
އާރު.އޭ.ސީ.އެލް ޓްރެއިނިންގ އެކަޑަމީއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އިންހައުސް އަދި ރާއްޖޭގެ އެކިއެކި މުއައްސަސާތަކަށް، އޭވިއޭޝަންގެ ދާއިރާއިން ބޭނުންވާ ސިވިލް އޭވިއޭޝަން އެޕްރޫވްޑް ސެޓްފިކެޓް ލެވެލްގެ ކޯސްތަށް ހިންގޭނެ ފެންވަރުގެ އެކަޑެމީއެކެވެ. މިގޮތުން މިއެކަޑެމީގައި ސިވިލް އޭވިއޭޝަން އެޕްރޫވަލް ލިބިފަވާ ގާބިލު އަދި ތަޖުރިބާހުރި 20 ޓްރޭނަރުން މަސައްކަތް ކުރާނެއެވެ.
މި އެކަޑަމީގެ މައިގަނޑު މަޤްޞަދަކީ ސްޓާފުންނާއި އޭވިއޭޝަންގެ އެކިއެކި ދާއިރާތަކުން ޤާބިލު އަދި ޙަރުދަނާ، ބަޔަކު ރާއްޖޭގައި އުފެއްދުމެވެ. މި އެކަޑަމީގައި އެކިއެކި ފެންވަރުގެ ފަޔާރ ޓްރެއިނިންގެ އިތުރުން އޭރޯޑްރޯމް އޮޕަރޭޝަންގެ އެކިއެކި ތަމްރީނުތައް ހިންގޭނެއެވެ.
ފަޔަރ ސިމިއުލޭޓަރ އިން ފަޔަރ ފައިޓަރުންނަށް ނުވަތަ ދަރިވަރުންނަށް އެހީތެރިވެދޭނީ އަލިފާން ފެތުރޭ ސްކޭލް، ތާމަލް ސްޓްރެސް، ފެންނަ ފެނުމާއި ، ބާރުމިން ، އަނދަމުންދާ ޖާގަގެ ޙާލަތަށް އަޞަރުކުރާ ފިނިހޫނުމިން ފަދަ އަލިފާނުގެ ސުލޫކު ވަޒަންކުރުމަށެވެ. މި އެކަޑަމީ ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔަ މުއްދަތުގެ ތެރޭގައި މި މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް އެތައް ބަދަލުތަކެއް ގެނެސްފައިވެއެވެ. މި ފަޔަރ ޕިޓްގެ ކުރިމަގަކީ އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ފަޔަރ ސިމިއުލޭޓަރުގެ ގޮތުގައި ރޭންކް ކުރެވުމެވެ.
މިގޮތިން ޖުމްލަ 23 ދަރިވަރުންނާއެކު 26 ޖުލައި 2022 ވަނަދުވަހު ބޭސިކް ފަޔަރމަން ކޯހުގެ ތަމްރީނުވަނީ ފެށިފައިއެވެ. ކައިރި މުސްތަގުބަލެއްގައި މި ދާއިރާއިން ވަޒީފާ ޢަދާކުރަން ބޭނުންވާ މުވައްޒަފުންނަށާއި ފަރުދުންނަށް އެއާކްރާފްޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ (އޭ.އާރު.އެފް.އެފް) އާއި އިމަޖެންސީ މެޑިކަލް ޓްރެއިނިންގ (އީ.އެމް.ޓީ) ޓްރެއިނިން ތައް ފެށިގެންދާނެއެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ރައީސުލް ޖުމްހޫރިއްޔާ ,އިބްރާހިމް މުހައްމަދު ސޯލިޙް ގެ ޤަރާރަކުން 30 ސެޕްޓެމްބަރ 2020 ވަނަ އަހަރު އުފެއްދެވި، ސަތޭކަ އިންސައްތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދީ ވައިގެބަނދަރުތަކުންދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މިވަގުތު އާރު.އޭ.ސީ.އެލްއިން ހިންގަމުން އަންނަނީ 6 އެއަރޕޯޓެކެވެ. އެއީ ހޯރަފުށި އެއަރޕޯޓް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ފުނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް އަދި ފުވައްމުލައް އެއަރޕޯޓެވެ. ކުންފުނި އުފެދުމުގެ ކުރިން ސަރަހައްދީ ވައިގެބަނދަރުތަކުގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ރީޖަނަލް އެއަރޕޯޓްސް ސެކްޝަނުންނެވެ.