ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން ހޭލުންތެރި ކުރުމަށް ”ފަސްގަނޑު” ކެންޕޭން

22 އޯގަސްޓް 2022 - 14:30

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ "ފަސްގަނޑު" ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

މި ކެމްޕޭނަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެންޕޭން އިފްތިތިތާހު ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ދައުލަތުގެ ވަޒީރުންނާއި ވޯލްޑް ބޭންކުގެ ބޭފުޅުންނާއި އަތޮޅު ކައުންސިލުގެ ރައީސުންގެ އިތުރުން ރަށު ކައުންސިލްތަކުގެ ރައީސުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ފަސްގަނޑުގެ ނަމުގައި ހިންގާ ގައުމީ ކެމްޕޭންގެ ތެރެއިން ކޮންމެ މަހަކު އެއް ފަހަރު "ނިއުސްލެޓާ"އެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ނިއުސްލެޓާ ތައްޔާރުކުރާނީ ސްކޫލްތަކުގެ ދަރިވަރުން ތައްޔާރުކުރާ ހޭލުންތެރިކުރުމުގެ މައުލޫމާތު ހިމެނޭ ކުރެހުންތަކާއި، ލިޔުންތަކާއި، އެހެނިހެން ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފަސްގަނޑު ނިއުސްލެޓާ ނެރެދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޝައުނާއެވެ. މި ނިއުސްލެޓާ ތައްޔާރުކޮށްފައިވަނީ ނ. މާފަރާއި ނ. ކުޑަފަރީގެ ރައްޔިތުންގެ އެހީތެރިކަމާއެކުގައެވެ.

މި ކެމްޕޭންގައި މައިގަނޑު ފަސް ދާއިރާއަކުން މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ސިއްހީ، ތައުލީމީ، އިގްތިސާދީ، ޖެންޑާ އަދި އިޖުތިމާއީ ދާއިރާތައް ހިމެނޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ ދައިރާތަކުގެ މައްޗަށް ބިނާކޮށްފައިވާ ވިޑިއޯއެއް ވެސް ވަނީ ހުށައަޅައިފައެވެ. އަދި ރާއްޖޭގެ އެކި އަތޮޅުތަކުން ކޮންޓެންޓް ހިމެނޭ ވެބް ޕޯޓަލްއެއް އިފްތިތާހުކޮށް، ރަސްމީ ކެމްޕޭން ލަވަ ވެސް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވެފައިވަނީ، ކުނި މެނޭޖު ކުރުމަކީ ރާއްޖެ ދެމެހެއްޓެނެވި ތަރައްގީއަށް ވާސިލުކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ވޯލްޑް ބޭންކަށް ޝުކުރުދަންނަވައި އެ ކެމްޕޭން ފަރުމާކުރުމުގައި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.