އާރްޓީއެލް މިނީ ބަހުގެ ޓެސްޓް ދަތުރުތައް ނިމި، މިމަހުގެ ތެރޭގައި ޚިދުމަތް ފެށުމަށް މަސައްކަތްކުރަނީ

21 އޯގަސްޓް 2022 - 17:31

އާރްޓީއެލް މިނީ ބަހުގެ ޚިދުމަތުގެ ޓެސްޓް ދަތުރުތަކެއް ބާއްވައިފިއެވެ. އަދި މާލޭގައި މިނީ ބަހުގެ ޚިދުމަތް މި މަހުގެތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި މިނީ ބަހުގެ ޓެސްޓް ދަތުރުގައި ބައިވެރިވީ އެމްޓީސީސީގެ އޮފިޝަލުންގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ޕޮލިސް ސަރވިސަސްގެ އޮފިޝަލުންނެވެ.

އެމްޓީސީސީން ބުނީ މިދަތުރުތަކުގެ ބޭނުމަކީ މިނީ ބަހުގެ ހިދުމަތް ކަސްޓަމަރުންނަށް ފެށުމުގެ ކުރިން، އެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުންކަމަށެވެ.

އެމްޓީސީސީން އަންނަނީ ވީއެންމެ އަވަހަކަށް މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ބަސް ސްޓޮޕްތައް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ ބައެއް މަގުތަކުގެ ޕާކިންގ ވަނީ ހުސްކޮށްފައެވެ.

އެމްޓީސީސީން ވަނީ މިނީ ބަހުގެ ޚިދުމަތް ފަށާއިރު ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖަައްސާނެކަމަށް ބުނެފައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

މާލެއާއި އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިދިޔަމަހުގެ 16 ވަނަ ދުވަހު އެމް.ޓީ.ސީ.ސީން ރާއްޖެއަށް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ޚިދުމަތް ދިނުމަށް 12 ބަހެއް ބޭނުންކުރާނެއެވެ. އަދި ބާކީ 24 ބަސް، އަތޮޅުތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ.

އަލަށް ގެނައި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. މި ބަސްތައް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑީގައިވެސް ފަސޭހައިން ބަހަށް އަރައި ފޭބޭނެއެވެ.

އެމް.ޓީ.ސީ.ސީން މިހާރު ވަނީ ލ.އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފަަށާފައެވެ.