ހިޔާ ސަރަހައްދުގައި ޔޫތު ސެންޓަރެއް ހުޅުވަނީ

14 އޯގަސްޓް 2022 - 16:35

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ޓަވަރުގައި ޔޫތް ސެންޓަރެއް ހުޅުވަން ތައްޔާރު ވެއްޖެއެވެ.

އެޗްޑީސީން ބުނީ، އެ ޔޫތް ސެންޓަރު ހުޅުވަން ހަމަޖެހިފައި ވަނީ މާދަމާ ރޭ ކަމަށެވެ. އެ ޔޫތް ސެންޓަރު ގާއިމް ކޮށްފައި ވަނީ ހިޔާ ފްލެޓްގެ 10 ވަނަ ޓަވަރުގައި ކަމަށާއި އެ ސެންޓަރުގެ ސަބަބުން ހިޔާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް މުނިފޫހިފިލުވައި ކުޅިވަރު ކުޅެ ރައްޔިތުންގެ މެދުގައި ރަނގަޅު ގާތް ގުޅުމެއް އުފެދިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މާދަމާ ރޭ ހުޅުވަން ހަމަޖެހިފައިވާ މި ޔޫތް ސެންޓަރުގައި ކުޅިވަރު ކުޅުމަށް ތަފާތު އެކި ބޯޑުތައް ވަނީ ބަހައްޓާފައެވެ. އެ ގޮތުން ކެރަމް ބޯޑާއި، ޗެސް ބޯޑާއި، ފުޓްބޯލް ސޮކާ ޓޭބަލްގެ އިތުރުން ޓީޓީ ކުޅެވޭ ޓޭބަލް އެއް ވެސް ހިމެނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ހިޔާ ފްލެޓްތަކަށް މީހުން ދިރިއުޅެން ބަދަލުވެ އެ ތަނުގައި ގިނަ ބަޔަކު މިހާރު އަންނަނީ ދިރިއުޅެމުންނެވެ. ހިޔާގައި ދިރިއުޅޭ މީހުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އެ ސަރަހައްދުގައި ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރެވޭ ގޮތަށް ފިހާރަތަކާއި ސެލޫންތަކާއި ބޭސްފިހާރަތަކާއި ކްލިނިކާއި ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަން ވެސް ވަނީ ހުޅުވާފައެވެ.