ހަނިމާދޫ އެއާރޕޯޓް ތަރައްގީކުރުމަށް ހަވާލުކޮށްފި
11 އޯގަސްޓް 2022 - 16:12
ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ޖޭއެމްސީއަށް ހަވާލުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މިމަޝްރޫއުގެ ބީލަން މަރުހަލާ ނިމި، ބީލަން ކާމިޔާބުކޮށްފައިވާ އިންޑިއާގެ ޖޭއެމްސީއަށް އިއްޔެ މިމަޝްރޫއު އެވޯޑްކޮށްފައިވާ ކަމަށެވެ. އަދި މިމަޝްރޫއު އެކުންފުންޏާއި، އެވޯޑްކޮށްފައިވަނީ، 136,625,386.44 އެމެރިކާ ޑޮލަރު (ސަތޭކަ ތިރީސް ހަ މިލިއަން ހަ ލައްކަ ފަންސަވީސް ހާސް ތިން ސަތޭކަ އަށްޑިހަ ހަ އެމެރިކާ ޑޮލަރު، ސާޅީސް ހަތަރު ސެންޓް) އަށެވެ.
މި މަޝްރޫއުއަކީ، އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާއި ދެމދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މިނިސްޓްރީން ބުނީ، މިމަޝްރޫއުގެ ދަށުން އެރަށުގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމަޝްރޫޢުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލްއެއް އިމާރާތް ކުރެވޭނެ ކަމަށާއި، ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމު ކުރާނެ ކަމަށެވެ. މީގެއިތުރުން މި މަޝްރޫޢުގެ ދަށުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި، ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއަރބަސް A320 އާއި، ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާރޕޯޓުން ހިދުމަތް ލިބިގެންދާނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި، އިރުމަތީ އެފްރިކާގެ ގައުމުތަކުން ހަނިމާދޫއަށް ސީދާ ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ގާބިލުކަންވެސް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް މަޝްރޫއެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިޤްތިސާދީ މައި ހަބެއް ޤާއިމްކޮށް، އެސަރަހައްދުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށާއި، އަންނަ އަހަރު މަޝްރޫއުގެ މަސައްކަތްތައް ނިމި، އެއަރޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.