އެމްޕީއެލްއިން ފަންނީ މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

10 އޯގަސްޓް 2022 - 6:30

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ހުނަރުވެރި، ފަންނީ މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.

މިކަމަށްޓަކާ އަންގާރަ ދުވަހު އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ފަންނީ މުވައްޒަފުން ބިނާކުރުމަށް ދޭ 7 ސްކޮލަރޝިޕެއް މެނޭޖްކުރުމުގެ މަސައްކަތް ކުރާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މި ސްކޮލަރޝިޕްތަކަށް ފަންޑުކުރާނީ އެމްޕީއެލްއިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މި ސްކޮލަރޝިޕްތަކަކީ އެމްޕީއެލްގެ ދާއިރާތަކާ ގުޅުންހުރި ސްކޮލަރޝިޕްތަކެއް ކަމަށެވެ. މި ހަތް ސްކޮލަރޝިޕްގެ ތެރެއިން އެއް ސްކޮލަރޝިޕް ޚާއްސަކުރެވެނީ މަތީ ސާނަވީ ތައުލީމު ނިންމި ދަރިވަރުންގެ ތެރެއިން ޓޮޕް ޓެންގައި ހިމެނިފައިވާ ދަރިވަރަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ބާކީ 6 ސްކޮލަރޝިޕް ޝަރުތު ހަމަވާ ކުދިންނަށް ދެވިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ޕޯޓް އޮޕަރޭޝަންސްއާ ގުޅުންހުރި 2 ސްކޮލަރޝިޕް
  • އިންޖިނިއަރިން ދާއިރާއިން 3 ސްކޮލަރޝިޕް
  • އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ ދާއިރާއިން 1 ސްކޮލަރޝިޕް
  • އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން 1 ސްކޮލަރޝިޕް

މިއީ އެމްޕީއެލްގެ އިންސާނީ ވަސީލަތްތައް އިތުރުކޮށް ތަރައްގީކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ކަމުގައި ޝާހިދު ވިދާޅުވިއެވެ. އަދި ޕޯޓުގެ ދާއިރާއަކީ ވަރަށް ހީވާގި ފަންނީ މަސައްކަތްތެރިން ބޭނުންވާ ދާއިރާއެއް ކަމަށާއި، މި ދާއިރާތަކަށް ތައުލީމީ ޒުވާނުން ނެރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ މިއީ އެމްޕީއެލްއަށް ފަންނީ، ގާބިލް މުވައްޒަފުން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ވަރަށް އަވަހަށް މި ސްކޮލަރޝިޕްތަކަށް ހުޅުވާލާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.