ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވެއްޖެ

9 އޯގަސްޓް 2022 - 1:18

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ޕްރޮކެޖްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މި މަސައްކަތްކުރަމުން އަންނަ އެމްޓީސީސީން ބުނީ، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާއެވެ.

ގދ. ރަތަފަންދޫއަކީ 1،385 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މިރަށުގެ ރައްޔިތުން، ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއްވެފައެވެ. ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި، ރަށުތެރޭގެ ބޮޑުބަޔަކަށްވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އުދައެރުމުގެ ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އެމްޓީސީސީން ބުނީ، ކުންފުނީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ ދަށުން ގދ. ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުން ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން، ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާނެއެވެ.