އެމްއައިޓީއާއި އެމްޑަބްލިއުއެސްސީ ގުޅިގެން ފަންނީ ދާއިރާތަކުން މީހުން ތަމްރީންކުރަނީ
8 އޯގަސްޓް 2022 - 15:36
ފަންނީ ދާއިރާތަކުން މީހުން ތަމްރީނުކުރުމާ ގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާއި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އެކި ދާއިރާތަކުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މުވައްޒަފުން ބިނާކުރަން ބޭނުންވާ ތަފާތު ފަންނުގެ ކުރު ކޯސްތައް އެމްއައިޓީން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރަށް ސިލަބަހާއި، ކޯސް ޑޮކިއުމެންޓުތައް ތައްޔާރުކުރުމަށް އެމްއައިޓީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން އެމްއައިޓީން ތައްޔާރުކުރާ ޓެކްނިކަލް ޕްރޮގްރާމުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމާއި، އެމްއައިޓީގައި ކިޔަވާ ދަރިވަރުންނަށް އެމްޑަބްލިއުއެސްސީ މެދުވެރިކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ތަފާތު އެކި ފަންނީ ދާއިރާތަކުން (ޚާއްސަގޮތެއްގައި ފެނާއި ނަރުދަމާއާއި ގުޅުން ހުރި ދާއިރާތަކުން) ފަންނީ ތަމްރީނު ލިބިފައިވާ މީހުން ބިނާވުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.