އެޗްޑީސީގެ އެފްޓީޓީއެޗް، ފައިބަރ ޓު ދަ ހޯމް ކަނެކްޝަން ސްޓެލްކޯ އަދި އެމްއޭސީއެލް އެޕާޓްމަންޓްތަކަށް!

8 އޯގަސްޓް 2022 - 11:39

އެޗްޑީސީން ހުޅުމާލެ ތަރައްގީކޮށް އޯޕަން އެކްސެސް ނެޓްވޯކާއި ފައިބަރ ކަނެކްޝަންތައް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެމްއޭސީއެލް އަދި ސްޓެލްކޯ އިން ތަރައްގީކޮށްފައިވާ އެޕާޓްމަންޓްތަކަށް އެފްޓީޓީއެޗް (ފައިބަރ ޓު ދަ ހޯމް) ކަނެކްޝަންތައް ފޯރުކޮށްދީފި އެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި ހިޔާ ފްލެޓްގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް މިހާރުވެސް މި ނެޓްވޯކް ބޭނުންކޮށްގެން އިންޓަނެޓް އަދި ކޭބަލްޓީވީގެ ހިދުމަތް ލިބޭނެ އެވެ. އަދި މި ނެޓްވޯކުން އާންމުންނަށާއި މި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ބުނީ މި އެޕާޓްމަންޓްތަކުގައި ރައްޔިތުން ދިރިއުޅެންފެށިހާ އަވަހަކަށް އިންޓަނެޓާއި ޓީވީ އަދި މިފަދަ ހިދުމަތްތައް އަވަހަށް ހޯދުމަށް ފަސޭހައިން ލިބޭ އެފްޓީޓީއެޗް ކަނެކްޓިވިޓީ އަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި މި އެފްޓީޓީއެޗް ކަނެކްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ސްޕީޑް އަދި ސާވިސް ރޭންޖެއް ލިބޭނެ ކަމަށެވެ.

އެފްޓީޓީއެޗް ނެޓްވޯކްގެ ސަބަބުން ހިދުމަތް ދޭ ފަރާތްތަކުން ކޭބަލް އެޅުމަށް މާގިނައިރު މަޑުކޮށްގެން ނުތިބެ ވަގުތުން ކަސްޓަމަރުންގެ ގެއަށް ކަނެކްޝަން ފޯރުކޮށްދެވޭނެ ކަމަށާއި އެފްޓީޓީއެޗްއާއެކު ހިދުމަތްދޭ ފަރާތްތަކަށް ކަސްޓަމަރުން އިތުރުކޮށް، ހިދުމަތް ދިނުމަށް ހޭދަކުރާ ވަގުތާއި ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށެވެ. އޭގެ އިތުރުންވެސް އޯޕަން އެކްސެސް ނެޓްވޯކްގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ބުންޏެވެ.

އޯޕަން އެކްސެސް ނެޓްވޯކް އާއި އެފްޓީޓީއެޗް އެކު މަގުތައް ކޮނުން މަދުކުރެވި، ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން އެއްނެޓްވޯކެއްގައި ގިނަ ބަޔަކަށް އެއްފަހަރާ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދެއެވެ.