އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަށް ބަސްތައް ފޮނުވައިފި

31 ޖުލައި 2022 - 1:57

ރާއްޖެ ޓްރާންސްޕޯޓް ލިންކު ޚިދުމަތުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ޚިދުމަތް އަތޮޅުތަކުގައި ފެށުމަށް ބޭނުންވާ މިނީ ބަސްތައް އަތޮޅުތަކަށް ފޮނުވައިފިއެވެ.

މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެމްޓީސީސީ)ން ވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި މިނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައެވެ. އެއީ މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ އަތޮޅުގައެވެ. މި މަސައްކަތް ފެށުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިމަހުގެ 16 ވަނަ ދުވަހު ވަނީ ރާއްޖެއަށް ގެނެސްފައެވެ.

މިބަސްތައް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތުގެ ދަށުން އެމްޓީސީސީން އެންމެ ފުރަތަމަ ބަސްތައް ފޮނުވާފައިވަނީ ލ އަތޮޅަށެވެ. އެގޮތުން ލ. އިސްދޫއަށް 2 ބަސް އަދި ލ. ގަމަށް 4 ބަސް ފޮނުވާފައިވެއެވެ. ފުވައްމުލައް ސިޓީއަށް ފޮނުވާފައިވަނީ 5 ބަހެވެ. އޭގެތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ބަހެއް ހިމެނެއެވެ.

އެންމެފަހުން ބަސްތައް ފޮނުވާފައިވަނީ އައްޑޫ ސިޓީއަށެވެ. އެގޮތުން އައްޑޫ ސިޓީއަށް 12 ބަސް ފޮނުވާފައިވެއެވެ. އެމްޓީސީސީން މަސައްކަތްކުރަމުންދަނީ މި މަސް ތެރޭގައި އެ ތިން ސަރަހައްދުގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށެވެ.

އެމްޓީސީސީން މަސައްކަތްކުރަމުންދަނީ ވީހާވެސް އަވަހަކަށް މާލޭގައިވެސް މި ޚިދުމަތް ފެށުމަށެވެ. މާލޭގައި 2 ރޫޓެއްގައި 12 ބަހުގެ ޚިދުމަތްދޭއިރު، އައްޑޫ ސިޓީ (ފޭދޫ، ހިތަދޫ)ގައި 4 ރޫޓެއްގައި 8 ބަހުގެ ޚިދުމަތް ދޭނެއެވެ. އަދި އައްޑޫ ސިޓީ ހުޅުމީދޫގައި 4 ރޫޓެއްގައި 4 ބަހަކުން ޚިދުމަތް ދޭއިރު، ފުވައްމުލައް ސިޓީގައި 3 ރޫޓެއްގައި 5 ބަހުގެ ޚިދުމަތް ދޭނެއެވެ. ލ އަތޮޅުގެ މެއިން ލޭންޑް (ގަން، ފޮނަދޫ)އަށް 4 ރޫޓެއްގައި 5 ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ލ. އިސްދޫ ކަލައިދޫގައި 1 ރޫޓެއްގައި 2 ބަހުން ޚިދުމަތްދޭނެއެވެ.

ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން ބަސް ރޫޓްތަކާއި ބަސް ހުއްޓާނެ ތަންތަން ކަނޑައެޅުމުގެ ކަންކަން ކުރަމުން އަންނައިރު، އެކަމަށް ބޭނުންވާ މުވައްޒަފުން ހޮވައި އަންނަނީ ތަމްރީނުކުރަމުންނެވެ.

ބަހުގެ ޚިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތެކެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ، އާރްޓީއެލް ފެރީގެ ޚިދުމަތާއި އާރްޓީއެލް ބަހުގެ ޚިދުމަތެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް ބަހުގެ ޚިދުމަތާގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބޭނެކަމަށެވެ. އަދި އިތުރު މަައުލޫމާތު ހޯދަން ބޭނުންވާނަމަ ހޮޓްލައިން 1650ށް ގުޅުމަށް އެދިފައިވެއެވެ. ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެ ކުންފުނިން ބުނެއެވެ.